ނޭޕާލުގެ ކޯޗުކަމުގައި ކުރިން ހުރި ކުވައިތުގެ އަބްދުލް ﷲ މުތައިރީ، ސްރީ ލަންކާ ގައުމީ ޓީމުގެ ވަގުތީ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

މުތައިރީ ލަންކާ ކޯޗުކަމާ ހަވާލުވީ އަންނަ މަހު ކެމްބޯޑިއާއާ ދެކޮޅަށް ލަންކާއިން ކުޅޭ ޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ބުރުގެ މެޗުތަކަށެވެ. އެ ޕްލޭ އޮފް ދެ ލެގަށް މުތައިރީ ލަންކާއާ ހަވާލުވި އިރު، އެ ދެ މެޗުގެ ނަތީޖާއިން މުތައިރީއަށް ދާއިމީ އެއްބަސްވުމެއް ދިނުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ލަންކާ ފުޓުބޯޅައިގެ ކަންކަން ރަނގަޅުކުރުމަށް އެގައުމުން މިހާރު މަސައްކަތް ކުރަމުންދަނީ ގަތަރުގެ އެސްޕަޔާ ޒޯނާއެކުގައެވެ. އެގޮތުން މުތައިރީ މަގާމަށް ހަމަޖައްސާފައި ވަނީ ވެސް އެސްޕަޔާ ޒޯންގެ އިސް އޮފިޝަލެއް ކަމަށްވާ އޮސްޓްރޭލިއާ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް، ޓިމް ކޭހިލް އަދި ގަތަރުގެ އިތުރު އިސް އޮފިޝަލުންނާ އެކު މަޝްވަރާ ކުރުމަށްފަހުއެވެ.

މުތައިރީ ވަނީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ފައިނަލަށް ގެންގޮސްދީފައެވެ. އެއީ އެ ގައުމުގެ ތާރީހުގައި ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އޭރުވެސް މުތައިރީ އޮތީ ނޭޕާލް ޓީމާ މައްސަލަތަކެއް ޖެހިއެވެ. ދެ ފަހަރެއްގެ މަތިން އިސްތިއުފާ ދިނުމަށްފަހު ޓީމާ އަލުން ހަވާލުވި އިރު، ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ނޭޕާލުގެ މީޑިއާއާ ނުރުހުން ވެ، ވަރަށް ބޮޑަށް މީޑިއާތަކަށް ފާޑު ކިޔުމަށްފަހު ބުނެފައި ވަނީ މުބާރާތަށްފަހު އެ ގައުމުގެ ކޯޗުކަން ދޫކޮށްލާނެ ކަމަށެވެ. އެހެންނަމަވެސް ސާފަށް ފަހު އަލުން އެއްބަސްވުން އާކުރިއެވެ.

އޭގެ ފަހުން އަހަރެއްހާ ދުވަސް ފަހުން މުތައިރީ ނޭޕާލް ދޫކޮށް އަފްގާނިސްތާނުން ވެސް ފެނިފައިވާ އިރު، މުތައިރީގެ އަމަލުތައް މެޗެއްގައި ހުރި ގޮތުން އަފްގާނިސްތާނުން އޭނާގެ އެއްބަސްވުން ބާތިލު ކުރިއެވެ.