ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީގެ އަރަބިއްޔާގެ ގަވަރުނަރު އައިމަން އަލް ސަޔާރީއާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ ޒަމީރު، ސައުދީއަށް ކުރައްވަމުންދާ ރަސްމީ ދަތުރުގެ ތެރެއިން މިއަދުގެ ވަގުތެއްގައެވެ.
ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖޭގެ އިގުތީސޯދީ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އާއި ރާއްޖޭގައި އިންވެސްޓް ކުރެވެން ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
އަދި ސައުދީއާ އެކު ވިޔަފާރީގެ ރޮނގުން އެކުގައި މަސައްކަތްކޮށް ރާއްޖެއަށް ދިމާވެފައިވާ ބޭރުގެ ލޯނުތަކުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދުގެ ދައުވަތަކަށް ޒަމީރު ސައުދީއަށް ވަޑައިގެންނެވީ އާދިއްތަ ދުވަހުއެވެ. އެއީ ފަސް ދުވަހުގެ ރަސްމީ ދަތުރެއްގައެވެ.
ޒަމީރު ވަނީ އިއްޔެ ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީފުޅު ރައްދު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު