ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުން ފްލެޓް ލިބޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ރަސްމީ ވެބްސައިޓްގައި ގެޒެޓް ކުރި ހުރިހާ ފަރާތްތަކާއި އަދި ކަމުގެ މަސްލަހަތު އޮތް އެންމެހައި ފަރާތްތަކުގެ ފްލެޓްތައް ބާތިލު ނުކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަންގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.

އަމިއްލަ ފަރާތްތަކަކުން ސޮއިކޮށް ހުށަހަޅާފައިވާ މި ގަރާރަކީ، ނިމިދިޔަ 19 ވަނަ ރއްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރެކެވެ. ނަމަވެސް ކޮމިޓީގެ މަސައްކަތުގައި ހިމަނައިގެން މި ގަރާރުގެ މަސައްކަތް ކުރިއަށް ގެންދަން މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ނިންމައި ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލައިގައި ސުވާލު ކޮށްފައިވެއެވެ.

މިދިޔަ 19 ވަނަ މަޖިލީހުގައިވެސް ވަނީ އޭރުގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، އެންޓި ކޮރަޕްޝަންގެ މެންބަރުންވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. އެ މައްސަލައިގައި މިހާރު އޮތް ޕެޓިޝަން ކޮމިޓީއަށް އެންމެ ފަހުން ހާޒިރު ކުރީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އެއީ މިދިޔަ ޖުލައި މަހުގެ 29 ގައެވެ. ނަމަވެސް ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ޕެޓިޝަންގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އެވެ.

ޕެޓިޝަންގެ މަސައްކަތް ކުރިއަށް ނުގެންދަން ހުށަހަޅުއްވަމުން، މެންބަރު އައިފާން ވިދާޅުވީ، އެ ޕެޓިޝަނަކީ 19 ވަނަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކޮމިޓީއަށް އެންމެ ފަހުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހާޒިރުވެވަޑައިގެން ކުރެއްވި ސުވާލުތަކުން، އެ ކަމުގައި ދިމާވެފައިވާ މައްސަލަ ވަރަށްބޮޑަށް ސާފުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައަކީ ފްލެޓް ލިސްޓު އިއުލާންކުރިއިރު، ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށްބުނެ، ފްލެޓު ދިނުން މަޑުޖައްސައިލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިން ލަފަޔާ ހިލާފަށް ކުރީގެ ސަރުކާރުން އެކަން ކުރިއަށް ގެންދިއުން ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ޕްލެޓްތަކާ ގުޅިގެން ހައުސިން މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ މަސައްކަތްތަކަކީ، ހުރިހާ އެޕްލިކޭޝަނެއް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި، އެއީ އަސްލު ހައްގުވެރިންނަށް ފްލެޓް ހޯދައިދިނުމަށް ކުރަމުން ގެންދާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އައިފާން ވިދާޅުވީ، މި ޕެޓިޝަނާ ގުޅިގެން ބަލާނެ އިތުރުކަމެއް ނެތްކަމަށާއި އެހެންކަމުން މިހާހިސާބުން ޕެޓިޝަންގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މެންބަރު ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ޝިފާޒެވެ.

އެކަމަށް ނެގި ވޯޓުގައި ޕެޓިޝަންގެ މަސައްކަތް ކުރިއަށް ނުގެންދަން ފާސްކުރީ، އެވަގުތު އެ ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުން ވޯޓު ދެއްވައިގެންނެެވެ. ޕެޓިޝަންގެ މަސައްކަތް ކުރިއަށް ގެންދަން ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.