ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމާ ހަވާލުވެހުރި ކޯޗު ތިއެރީ އޮންރީ، އެމަގާމުން ދުރަށް ޖެހިލައިފިއެވެ.

އުމުރުން 47 އަހަރުގެ އޮންރީ، ފްރާންސް ޒުވާން ޓީމުގެ ކޯޗުކަން ދޫކޮށްލާފައި މި ވަނީ އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައެވެ. އޮންރީ ޒުވާން ޓީމުގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުއެވެ. އޭނާގެ އެއްބަސްވުމުގައި ވާގޮތުން، އަންނަ އަހަރު އޮންނަ 21 އަހަރުން ދަށުގެ ޔޫއެފާ ޔޫރޯ މުބާރާތް ނިމެންދެން އޮންރީ މަގާމުގައި ހުންނަން ޖެހެއެވެ. އެހެން ނަމަވެސް، އޭނާ ނިންމީ އޭގެ ކުރިން މަގާމު ދޫކޮށްލާށެވެ.

ދާދިފަހުން އޮންރީގެ ކޯޗުކަމުގައި ފްރާންސްގެ ޒުވާން ޓީމުން ވަނީ އަމިއްލަ ގައުމުގައި ބޭއްވި ޕެރިސް އޮލިމްޕިކްސް 2024 ގެ ފިރިހެން ފުޓުބޯޅަ އިވެންޓްގެ ރިހި މެޑަލް ހޯދައިފައެވެ. އެއީ ކޯޗިން ކެރިއަރުގައިވެސް އޮންރީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

"ގައުމީ ޓީމާއެކު އޮލިމްޕިކްސް ރިހި މެޑަލް ހޯދުމަކީ އަހަރެންގެ ހަޔާތުގައި އެންމެ ބޮޑު އެއް ކާމިޔާބީ. އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ފެޑަރޭޝަނަށް ޝުކުރު އަދާކުރަން،" އޮންރީ ގައުމީ ޓީމުގެ މަގާމު ދޫކޮށްލަމުން ބުނެފައިވެއެވެ.

އޮންރީ މަގާމު ދޫކޮށްލުމަކީ ފެޑަރޭޝަނުން އެންމެ ބޭނުންވި ގޮތެއް ނޫނެވެ. އޮންރީ މަގާމު ދޫކޮށްލުމާއެކު ފެޑަރޭޝަނުން ބުނީ، ދީފައިވާ ޓާގެޓްތައް އޮންރީ ހާސިލުކުރި ކަމަށާއި، އޭނާ މަގާމު ދޫކޮށްލުމަކީ ދެރައެއް ކަމަށެވެ.

އާސެނަލާއި ބާސެލޯނާއަށްވެސް ކުޅުނު އޮންރީއަކީ ފްރާންސް ގައުމީ ޓީމުގެ ލެޖެންޑެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް 123 މެޗު ކުޅެ، 51 ގޯލު ޖަހައިދީފައެވެ. އޭނާ ވަނީ ފްރާންސާއެކު 1998 ވަނަ އަހަރު ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯވެސް ކާމިޔާބު ކޮށްފައެވެ.