ސާފް 20 އަހަރުން ދަށުގެ މުބާރާތަށް މިފަހަރުވެސް ފެވަރިޓުންނަކީ އިންޑިއާ ކަމަށާއި ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި ރާއްޖެއަށް ބޫޓާން އުނދަގޫވާނެ ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.
އިންޑިއާއަކީ ސާފް 20 އަހަރުން ދަށު މުބާރާތުގެ މިދިޔަ ދެ އަހަރާއި 2019 ވަނަ އަހަރުގެވެސް ޗެމްޕިއަން ޓީމެވެ. ރާއްޖެއަށް 2019 ވަނަ އަހަރު މުބާރާތުގެ ތިންވަނަ ހޯދުނު ނަމަވެސް، އިތުރު ކާމިޔާބީއަކާ ހަމައަށް ދެވޭ ގޮތެއް އަދި ނުވެއެވެ. އަނެއްކޮޅުން ރާއްޖެއަށްވުރެ ތާރީހީ ގޮތުން ދަށް ހަމައެކަނި ގައުމަކީ ބޫޓާނެވެ. އެ ޓީމަށް އަދި މުބާރާތުގައި ތިންވަނަވެސް ހޯދިފައެއް ނުވެއެވެ.
ރާއްޖެ ހިމެނެނީ މިފަހަރު މުބާރާތުގެ ގްރޫޕް ބީގައެވެ. އެއީ އިންޑިއާގެ އިތުރުން ބޫޓާނާ އެކުގައެވެ. ގްރޫޕް ސްޓޭޖާ ގުޅޭ ގޮތުން ނޭޕާލުގައި ބޭއްވި ޕްރީ ޓޯނަމެންޓް ޕްރެސްގައި ޝާކިއްޓެ ފާހަގަކުރީ އަދިވެސް އިންޑިއާއަކީ ފެވަރިޓުން ކަމަށެވެ. އަދި އަހަރުތަކުގެ ކުރިއެރުމަށް ބަލައި، ބޫޓާން އުނދަގޫވާނެ ކަމަށްވެސް ޝާކިއްޓެ ފާހަގަކުރިއެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އިންޑިއާއަކީ ފެވަރިޓުން. އެއީ މުބާރާތުގެ ތާރީހަށް ބަލައިލުމުންވެސް އެކަމާ ދެބަސްވެވޭކަށް ނެތް. މީޑިއާ އިން އަޑުއިވޭ ގޮތުގައި އިންޑިއާ އިން ގެނައީ ވަރަށް އުމުރުން ހަގު ސްކޮޑެއް. އެހެންވިޔަސް އެންމެ ވަރުގަދަ ވާނީ އިންޑިއާ. ދެން ބޫޓާނަށް ބަލާއިރު، މިދިޔަ ދެތިން އަހަރެއްގައި ބޫޓާން ފެނުނީ ވަރަށް ބޮޑަށް ކުރި އަރައިގެންދިޔަ ގައުމެއްގެ ގޮތުގައި. އެ ގައުމުގެ ޔޫތު ސިސްޓަމް ވެސް އޮތީ ވަރަށް ރަނގަޅަށް،" ޝާކިއްޓެ ޕްރެސްގައި ބުންޏެވެ.
ޝާކިއްޓެ އިތުރަށް ބުނީ މުބާރާތުގެ އަމާޒަކީ ފައިނަލަށް ދިއުން ކަމަށެވެ. މާލެއިން ޓީމު ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންވެސް އޭނާ ބުނީ މުބާރާތެއްގައި ވާދަކޮށްލަން އެކަނި ނުދާނެ ކަމަށާއި އަމާޒަކީ މޮޅުވުން ކަމަށެވެ. އަދި ހާއްސަކޮށް މިފަހަރު މުބާރާތުގެ އަމާޒަކީ އެއްކޮޅުން ފައިނަލް ކުޅުން ކަމަށް އޭނާ ނޭޕާލްގައި ހުރެ ތަކުރާރުކޮށް ބުނެފައިވެއެވެ.
އޭގެ އިތުރުން އޭނާ ބުނީ މުބާރާތަށް ރަނގަޅު ތައްޔާރުވެވި، ކުޅުންތެރިންނަށް އުންމީދު ގެނެސްދެވިފައިވާ ކަމަށެވެ.
"އަހަރެމެން މި މުބާރާތަށް ތައްޔާރުވާތާ މިހާރު ވެއްޖެ މަހަކަށްވުރެ ގިނަ ދުވަސް. އަހަންނަށް އެބަ ފެނޭ ކުޅުންތެރިންގެ ފަރާތުން ބައިވަރު ކަންތައްތަކެއް ރަނގަޅުވިތަން. އަދި އޭގެ އިތުރުން ކުޅުންތެރިން ހިތްވަރާއެކު މަސައްކަތް ކުރަމުންދާތަންވެސް ފެނޭ. އޭގެ ސަބަބުން ވަރަށް މޯޓިވޭޓްވެފައި ޓީމު އޮތީ،" ޔޫތު ޓީމުތަކުގައި ތަފާތު ދައްކާފައިވާ ކޯޗު، ޝާކިއްޓެ ބުންޏެވެ.
މި ފަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި އޮގަސްޓް 21 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ބޫޓާނާ ދެކޮޅަށެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު