ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ރަސްމީ ދަތުރެއްގައި މިއަދު ސައުދީ އަރަބިއާއަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދުގެ ދައުވަތަކަށް ޒަމީރު ކުރައްވާ ފަސް ދުވަހުގެ އެ ދަތުރުގައި އެ ގައުމުގައ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށް އެޑްރެސްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ސިޓީފުޅެއް ޒަމީރު ރައްދުކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން، ސައޫދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުންނާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޒަމީރުގެ ދަތުރުގެ ތެރެއިން ސައޫދީގެ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާއި ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްއާ ބައްދަލުކުރެއްވުމުގެ އިތުރުން، ރިޔާދުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
ޒަމީރުގެ ދަތުރުގައި މުނައްވަރުގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖް އަހުމަދު ނަސީރާއި ޖޮއިންޓް ސެކްރެޓަރީ ބަދުރާ ސައީދާއި ޑިރެކްޓަރު ޖެނެރަލް އާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު