ކުޅުންތެރިންނަށް ބުރަ ބޮޑުވުމުގެ ސަބަބުން، ސީޒަން ތެރެއިން ހަފުތާއެއްހާ ދުވަހުގެ ޗުއްޓީ، ވަކިވަކި ކުޅުންތެރިންނަށް ދޭން ވިސްނާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
އެންޗެލޮޓީ އެހެން ބުނެފައި ވަނީ ކުޅުންތެރިންނަށް ބުރަ ބޮޑުވާ މައްސަލައިގައި ޕްރޮފެޝަނަލް ފުޓުބޯލާސް އެސޯސިއޭޝަނާއި ޕްލޭޔާސް ޔޫނިއާ ފިފްޕްރޯއިން ފީފާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ހުށަހަޅާނެ ކަމަށް ބުނެފައިވަނިކޮށެވެ.
"ކުޅުންތެރިންނަށް ރެސްޓް ބޭނުންވޭ. އަދި ޗުއްޓީވެސް ބޭނުންވޭ. އަހަރެމެން އެބަ ވިސްނަން ވަކިވަކި ކުޅުންތެރިންނަށް ޗުއްޓީ ދޭން. އެއީ ސީޒަން ތެރެއިން،" އެންޗެލޮޓީ ބުންޏެވެ.
"އަހަރެމެން މި ވިސްނަނީ ސީޒަން ތެރެއިން ހަފުތާއެއްހާ ދުވަސް ވަކިވަކި ކުޅުންތެރިންނަށް ދޭން. އޭރުން ކުޅުންތެރިންނަށް އާއިލާއާ އެކު ވަގުތު ހޭދަކުރަން ކުޑަ ޗުއްޓީއެއް ލިބޭނެ. އެ ޗުއްޓީ ދިނުމުގައި އިންޓަނޭޝަނަލް މެޗުތަކުގައި ކުޅޭ ކުޅުންތެރިންނަށް މުހިއްމުކަން ދޭނަން. އެއީ އެ ކުޅުންތެރިންނަށް ސީޒަން ތެރެއިން އެއްވެސް ރެސްޓެއް، އެއްވެސް ހުސް ވަގުތެއް ނުލިބޭތީ. އަހަރެމެން މިދަނީ އެކަން ކުރެވޭނެ ގޮތެއް ހޯދަން، މެޑިކަލް ސްޓާފުންނާއި ފިޒިއޯއިން ލަފާ ހޯދަމުން،" އެންޗެލޮޓީ އިތުރަށް ބުންޏެވެ.
ރެއާލުން ވަނީ މިދިޔަ ސީޒަނުގެ ލަލީގާ އާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. ބުރަ ބޮޑު އެ ސީޒަނަށްފަހު ރެއާލްގެ ކުޅުންތެރިން ވަނީ މިދިޔަ ހޫނު މޫސުނުގެ ސީޒަން ބްރޭކްގައި ޔޫރޯ 2024 އާއި ކޮޕާ އެމެރިކާގައިވެސް ކުޅެފައެވެ. އެހެންކަމުން މި ސީޒަނަށް އެ ކުޅުންތެރިން ތައްޔާރުވާން ޖެހުނީ މާ ބޮޑު ޗުއްޓީއެއް ނެތިއެވެ.
މި ސީޒަނުގައި ޔޫރަޕްގެ ކްލަބު މުބަރާތްތައް ވެސް ބޮޑުކޮށް، ވާދަކުރާ ޓީމުތައްވެސް 36 އަކަށް ވަނީ ހަދައިފައެވެ. އޭގެ ސަބަބުން ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކުންވެސް އަނެއްކާ އިތުރު ދެ މެޗު ކުޅެން ޖެހެއެވެ. އޭގެ އިތުރުން ރެއާލުން ޔޫރަޕްގެ ޗެމްޕިއަނުން ގޮތުގައި، ފީފާ އިންޓަކޮންޓިނެންޓަލް ކަޕްގައިވެސް މިއަހަރު ޑިސެމްބަރު މަހު ކުޅޭނެއެވެ.
އެންޗެލޮޓީ ބުނެފައި ވަނީ އަންނަ އަހަރު ބާއްވަން ތައްޔާރުވެފައިވާ ފީފާ ކްލަބު ވޯލްޑް ކަޕްގެ އާ މުބާރާތާއި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ އެކު ކުރިއަށް އޮތް ދެ އަހަރު ވެސް ކުޅުންތެރިންނަށް އިތުރަށް ބުރަ ބޮޑު ވާނެ ކަމަށް ބެލެވޭ ކަމަށާއި އެކަމަށް އެޖަސްޓް ވާން މިހާރުން ފެށިގެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް