އިޓަލީ ލީގުގެ ޗެމްޕިއަން އިންޓަ މިލާނާއި އޭސީ މިލާނުން ސީޒަނުގެ ލީގު ފެށުމުގެ ގޮތުން ކުޅުނު މެޗުންވެސް އެއްވަރު ވެއްޖެއެވެ.

ރޭ އިންޓައިން ރަށުން ބޭރުގައި ޖެނޯއާއާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު އިންޓަވެފައި ވަނީ 2015 ވަނަ އަހަރަށްފަހު ލީގު ޗެމްޕިއަނަކަށް ދެން ޖެހިގެން އައި ސީޒަނުގެ ލީގުގެ ފުރަތަމަ ކާމިޔާބު ނުކުރެވުނު ފުރަތަމަ ޓީމަށެވެ. ރޭގެ މެޗުގައި އިންޓަ އެއްވަރުވީ ފަހު ވަގުތު ކޮޅަށް ވަން ގޯލުންނެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި އަލެސާންޑްރޯ ވޮގްލިއާކޯ ޖެހި ގޯލުން ޖެނޯއާ ލީޑު ނެގި އިރު، އިންޓައިން އެއްވަރު ކުރީ މާކަސަ ތުރާމް ބޮލުން ޖެހި ގޯލުންނެވެ. އެ ގޯލާ އެކު އެއްވަރުވެފައި އޮވެ ދެވަނަ ހާފަށް ނުކުތް އިރު، އިންޓައިން ވަނީ 82 ވަނަ މިނެޓުގައި ލީޑުވެސް ނަގައިފައެވެ. އެ ގޯލުވެސް ޖެހީ ތުރާމެވެ.

ތުރާމްގެ ދެވަނަ ގޯލާ އެކު އިންޓައިން ތިން ޕޮއިންޓް ޔަގީން ކުރި ކަމަށް ބެލެވުނު ނަމަވެސް، އިތުރު ވަގުތުގައި ޖެނޯއާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ އޭރިއާ ތެރެއިން އިންޓަގެ ޔާން ބިސެކް އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީގައި ޖޫނިއާ މެސިއަސް ފޮނުވާލި ބޯޅަ، އިންޓަގެ ގޯލްކީޕަރު ޔޯން ސަމާ މަތަކުރި ނަމަވެސް، ރީބައުންސްގައި އޭނާ ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

އޭސީ މިލާނުން ރޭ އަމިއްލަ ދަނޑުގައި ޓޮރީނޯއާ އެއްވަރުވީ 2-2 އިންނެވެ. މެޗުގައި ޓޮރީނޯއިން ފުރަތަމަ ދެ ގޯލުގެ ލީޑެއް ނެގި އިރު، އެ ގޯލުތައް ޖެހީ މަލިކް ތިއާއޫ އާއި ޑުވާން ޒަޕާޓާއެވެ. ޓޮރީނޯ ދެ ގޯލުގެ ލީޑަކާ އެކު އޮވެ މެޗުގެ ފަހުކޮޅަށް ދިޔަ ނަމަވެސް، 89 ވަނަ މިނެޓުގައި މިލާނަށް އަލަށް ގެންދިޔަ ފޯވަޑް އަލްވާރޯ މޮރާޓާ ވަނީ ގޯލެއް ޖަހައިފައެވެ.

އަދި އޭގެ ފަހުން، މެޗު ނިމިނިމި އޮއްވައި މިލާނަށް އެއްވަރު ކޮށްދިނީ ނޯއާ އޮކަފޯ ޖެހި ގޯޅުންނެވެ.

ސެރެއާ އޭގެ އިތުރު ނަތީޖާތަކަށް ބަލާ އިރު، ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެނބުރި ލީގަށް އައި ޕާމާއިން ވަނީ ފިއޮރެންޓީނާއާ އެއްވަރު ކޮށްފައެވެ. އެއީ 1-1 ގެ ނަތީޖާއަކުންނެވެ. އޭގެ އިތުރުން އެމްޕޯލީ ވަނީ މޮންޒާއާ ގޯލެއް ނުޖެހި އެއްވަރުވެފައެވެ.