އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ފުލްހަމް ކައިރިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ރޭ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ފުލްހަމް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ތަފާތު ދެއްކީ ބެންޗުން ނުކުތް ޖޯޝުއާ ޒިރްކްޒީއެވެ. އޭނާއަކީ މި ސީޒަނަށް ޔުނައިޓެޑުން ގެންދިޔަ 36 މިލިއަން ޕައުންޑްގެ ފޯވަޑެކެވެ. ރޭގެ މެޗަކީ ޒިރްކްޒީ ޔުނައިޓެޑް ޖާޒީގައި ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ޔުނައިޓެޑުން މެންޗެސްޓާ ސިޓީ ކައިރިން ބަލިވެފައި އޮތް އިރު، އެ މެޗުގައި ޒިރްޒްކީ ފެނިގެން ގޮސްފައެއް ނުވެއެވެ.

ފުލްހަމްއިންވެސް މި ސީޒަނަށް ރަނގަޅު ޓްރާންސްފާތަކަކާ އެކު ތައްޔާރުވެފައިވާ އިރު، ރޭގެ މެޗު ފެށިގެން ފުރަތަމަ ހަމަލާ ފެނުނީވެސް އެޓީމުގެ ފަރާތުންނެވެ. ކެނީ ޓެޓޭ ދުރުން ފޮނުވާލި ބާރު ހަމަލާ މަތަކޮށް ބޭރުކޮށްލީ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާއެވެ. މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، ޔުނައިޓެޑްގެ މެދުތެރެއިން ކަސެމީރޯ ދިޔައީ ރަނގަޅު ބޯޅަތަކެއް ސަޕްލައި ކޮށްދެމުންނެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ ފޯވަޑަކަށް ބްރޫނޯ ފެނާންޑޭޒް ނުކުމެފައިވާ އިރު، އޭނާއަށް ފުރަތަމަ ހާފުގައި ލިބުނު ދެ ފުރުސަތެއް ވެސް ވީ ބޭކާރެވެ. ރަނގަޅު ހުސް ދެ ފުރުސަތުގައި ވެސް ފެނާންޑޭޒް ފޮނުވާލި ބޯޅަ މަތަކުރީ ފުލްހަމްގެ ގޯލްކީޕަރު ބާޑް ލެނޯއެވެ.

ޔުނައިޓެޑުން ގޯލެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 87 ވަނަ މިނެޓުގައެވެ. އެ ގޯލު ޒިރްކްޒީ ހަމަޖެހިލާފައި ޖެހި އިރު، ފުރުސަތު ތަނަވަސްކޮށްދިނީ އެލެހާންޑްރޯ ގާނާޗޯއެވެ.

ރޭގެ މެޗު ބެލުމަށް ޔުނައިޓެޑްގެ ކޯ-ޗެއާމަން އަވީ ގްލޭޒާ އާއި ޗީފް އެގްޒެކެޓިވް އޮމަރް ބެރާޑާވެސް ގޮސް ތިއްބެއެވެ. އަވީ ގްލޭޒާއަކީ މަދުން ނޫނީ އޯލްޑް ޓްރެފޯޑުން ނުފެންނަ މޫނެކެވެ.