އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފަށަން މެންޗެސްޓާ ޔުނައިޓެޑް އަދި އޮތީ ތައްޔާރަކަށް ނޫން ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 12:00 ގައި ޔުނައިޓެޑުން ނުކުންނާނީ ފުލްހަމްއާ ދެކޮޅަށެވެ. އެމެޗަށް ނުކުންނަ އިރު، ޔުނައިޓެޑަށް އަނިޔާގެ މައްސަލައިގެ އިތުރުން އާ ކުޅުންތެރިން ޓީމަށް ހޭނުމުގެ މައްސަލަތައް އެބައޮތެވެ.
ޓްރާންސްފާތައް ދާދިފަހުން ފުރިހަމަކޮށްފައިވާ ޔުނައިޓެޑާ އަލަށް ގުޅުނު ބަޔާން މިއުނިކުގައި އެއްކޮށް ކުޅުނު، މެތިއަސް ޑެ ލިޓާއި ނުސައިރު މަޒްރޫއީ އަދި ޓީމާއެކު ފުރިހަމަ ކުރީ އެންމެ ދެ ޓްރެއިނުން ސެޝަނެވެ. އޭގެ އިތުރުން ޕްރީ ސީޒަނުގެ ތެރެއިން ޔުނައިޓެޑަށް ވަނީ އަނިޔާގެ މައްސަލަތަކާވެސް ކުރިމަތިލާން ޖެހިފައެވެ. ލޫކް ޝޯއަށް އަނެއްކާވެސް އަނިޔާވެ، އޭނާ ކުޅުމާ ދުރަށް ދާން ޖެހުނު އިރު، އަލަށް ގެންދިޔަ ޑިފެންޑަރު ލެނީ ޔޯރޯއަށްވެސް އަނިޔާވެ، އޭނާވެސް ތިން މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވެއެވެ.
"ޓީމު އަދި އޮތީ ތައްޔާރަކަށް ނޫން. އެހެންވިޔަސް ލީގު ފަށާނެތާ. އެކަމުން ރެކެވޭކަށް ނެތް. ޔުނައިޓެޑް ތައްޔާރު ނޫންކަން ގަބޫލުކުރަން ޖެހޭ. އަހަރެމެން ދެން ޖެހޭނީ ކޮންމެވެސް ގޮތެއް ހޯދަން،" ޓެން ހާގު ބުންޏެވެ.
ޔުނައިޓެޑުން މި ސީޒަނުގައި މިހާތަނަށް ކުޅުނު ފުރަތަމަ ވާދަވެރި މެޗަކީ ކޮމިއުނިޓީ ޝީލްޑް މެޗެވެ. އެ މެޗުގައި ޕެނަލްޓީ ޖަހައިގެން ސިޓީ ކައިރިން ބަލިވި އިރު، އަލަށް ކްލަބާ ގުޅުނު ފޯވަޑް، ނެދަލޭންޑްސްގެ ޖޯޝުއާ ޒިރްކީ ފެނުނީ ބެންޗުންނެވެ. އެހެންނަމަވެސް ފުލަމް މެޗުގައި އޭނާ ފެންނާނެ ކަމަށް ބެލެވެއެވެ.
ވަރުގަދަ ފުރަތަމަ 11 އެއް ފުލްހަމްއާ ދެކޮޅަށް ނެރެވެން އޮތީ އަލަށް ސޮއިކުރި ކުޅުންތެރިން ހިމަނައިގެން ކަމަށްވީ އިރު، ބެލެވޭ ގޮތުގައި ޑެ ލިޓާއި މަޒްރޫއީވެސް މިރޭ ފުލްހަމްއާ ދެކޮޅަށް ނެރޭނެއެވެ. ޓެން ހާގު ބުނީ އަނިޔާގައި ބައެއް ކުޅުންތެރިން ތިބި ނަމަވެސް، މިހާރު އޮތް ޔުނައިޓެޑް ސްކޮޑުންވެސް ވަރުގަދަ 11 އަށް ނެރެވޭނެ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު