މާލޭގެ ގްރޫޕަކުން ގޮސް އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު މީހުން ދަށު ކޯޓުން ސަލާމަތްވި މައްސަލައާ ގުޅިގެން ހައިކޯޓުގައި ހިނގަމުންދާ އިސްތިއުނާފީ މައްސަލައިގައި، ވަކީލުން ހަމަނުއްޖައްސައި ތިބި ހަތަރު މީހުންނަށް ފަހު ފުރުސަތުގެ ގޮތުގައި ވަކީލުން ހަމަޖައްސަން ހަތް ދުވަހުގެ ފުރުސަތެއް ހައިކޯޓުން ދީފިއެވެ.
އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީގައެވެ.
އަނަސް މަރާލި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ.
އޭގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ ތިން މީހެއްގެ މައްޗަށް ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ، އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، އާއި އަހުމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ އަދި އުސްމާން ޝަރީފް، މ. ދިމިޝްގު އެވެ.
މީގެ އިތުރުން ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ.
މީގެ އިތުރުން އެ މައްސަލައިގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޖުވެނައިލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ހުކުމް ކުރީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.
އެ މައްސަލައިގައި ދޫވެފައިވާ ހަތް މީހުންގެ މައްޗަށް ދައުލަތުން ހުށަހެޅި، އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ފެށީ މިދިޔަ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ދުވަހުވެސް މައްސަލަ ކުރިއަށް ނުގެންދެވުނީ ވެސް ބައެއް މީހުންނަށް ވަކީލަކު ހަމަޖެހިފައި ނުވާތީ އެކަމަށް ފުރުސަތު ދިނުމަށެވެ. އެ ދުވަހުވެސް އެކަމަށް ހަތް ދުވަހުގެ ފުރުސަތު ކޯޓުން ދިނެވެ.
މިއަދުގެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ހައިކޯޓް ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒު، ދިފާއީ ވަކީލަށް ފުުރުސަތު ދެއްވުމުން، ދިފާއީ ވަކީލެއްގެ ގޮތުގައި ވަޑައިގެން އިންނެވި، މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ އޭނާއަކީ އަފްރާހު، ޒަޔާން އަދި އުސްމާން ޝަރީފްގެ ގާނޫނީ ވަކީލު ކަމަށެވެ.
އެހެންކަމުން ވަކީލުން ހަމަޖެއްސުމުގެ ކަންތައް ދަނީ ކިހިނެއްތޯ އާއި ވަކީލަކު ބޭނުން ނުކޮށް ކުރިއަށްދާން ބޭނުންވަނީތޯ، ދެން ތިބި މީހުންނާ މުހާތަބު ކުރައްވައި ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.
ޖަވާބުދެމުން މަހުފޫޒް ބުނީ، އޭނާ ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކީގައި ކަމަށެވެ. އެކަމަށް ދިން ހަތް ދުވަހުގެ މުއްދަތުގައި ވަކީލަކު ހަމަނުޖެއްސީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ބުނީ، ވަކީލަކު ހަމަޖައްސާނެ ފަދަ ތަަނަވަސްކަމެއް ނެތީ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވަކީލަކު ހަމަޖެއްސޭނެ ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ. ދެން ތިބި މީހުންވެސް ބުނީ ހަތް ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖެއްސޭނެ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރު ވިދާޅުވީ، އިސްތިއުނާފު ހުށަހެޅުއްވުމަށް ޕީޖީގެ ވަކީލުންނަށް މިއަދު ފުރުސަތު ދެއްވި ނަމަވެސް ދައްކަން ހުރި ގިނަ ވާހަކަތަކަކީ ތަކުރާރުކުރަން ޖެހިދާނެ ވާހަކަތަކެއް ކަމަށް ފެންނާތީ މި މައްސަަލައިގައި ވަކީލުން އައްޔަން ނުކުރެވި ވާ ފަރާތްތަަކަށް ވަކީލުން އައްޔަންކުރަން ފަހު ފުރުސަތު ދިނުމާއެކު، އެމީހުންނަށް ވަކީލުން އައްޔަންކުރެވޭތޯ ބެލުމަށްފަހުގައި އަޑުއެހުންތައް ކުރިއަށްގެންދަން ނިންމާ ކަމަށެވެ.
އެއާއެކު ފަނޑިޔާރު ވިދާޅުވީ، މައްސަލަ ރައްދުވާ ފަރާތްތަކަށް ވަކީލުން ހަމަޖައްސަން ދިން ހަތް ދުވަހުގެ ތެރޭގައި ވަކީލަކު އައްޔަންކުރުމަށްފަހު އެކަން ކޯޓަށް އަންގަންވާނެ ކަމަށެވެ. ނަމަވެސް އެ ހަތް ދުވަހުގެ ތެރޭގައި މައްސަލައިގެ އަޑުއެހުން ނުބޭއްވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަކީލުން ހަމަޖައްސަން ދިން މުއްދަތުގައި، ވަކީލަކު އައްޔަންކޮށްފައިނުވާ ނަމަ، ވަކީލަކު އައްޔަންކުރަން ބޭނުން ނުވަނީ ކަމަށް ބަލައިގެން މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ދެން ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަންދާ މެދު ގޮތެއް ނިންމައިދިނުމަށްވެސް ޕީޖީން ހައިކޯޓުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް ވަކީލުން އައްޔަންކުރުމުގެ ކަންކަން ގޮސްފައި އޮތް ގޮތުން، ޕީޖީ އޮފީހުން ފާހަގަކުރަން ކަމެއް އޮތްނަމަ އެކަމަށް ފަނޑިޔާރު ފުރުސަތު ދެއްވިއެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ، ސީނިޔާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، މައްސަލަ ރައްދުވާ ފަރާތްތަކަށް ވަކީލުން ހަމަޖައްސަން ދިން މުއްދަތަށް ދައުލަތުން އިއުތިރާޒް ނުކުރާ ކަމަށެވެ. އަދި ފަނޑިޔާރު ނިންމެވިގޮތަށް ދައުލަތުންވެސް އެދެނީ މައްސަލަ ރައްދުވާ ފަރާތްތައްވެސް ވަކީލުންގެ ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މައްސަލަ ރައްދުވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ އޮފީހުން ފޮނުވާފައިވާ ލިޔުންތަކާއި، ސިޓީ ދިފާއަށް ނުލިބޭކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.
ފަނޑީޔާރު ވިދާޅުވީ، އެ ސިޓީ ދިފާއަށް ރައްދުކޮށްދިން ލިޔުންތަކުގެ ތެރޭގައި ހިމެނޭނެ ކަަމަށެވެ. އަދި އެކަން ބެއްލެވުމަށްފަހު ސިޓީ ނެތް ނަމަ، ކޯޓުގެ ސަމާލުކަމަށް އެކަން ގެނައުމަށްވެސް އެދިވަޑައިގެންނެވިއެވެ.
އެ ހިސާބުން މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ފަނޑިޔާރު ވިދާޅުވީ، ދެން މި މައްސަލައިގެ އަޑުއެހުން އޮންނަ ދުވަހު އިސްތިއުނާފު މައްސަލައިގެ ކުރިން ކުރިއަށްގެންދާނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީން ހުށަހެޅި މައްސަލަ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.
ޚަބަރު
ޚަބަރު
ޚަބަރު