ފުޓުބޯޅަ ދަނޑުމައްޗަށް ފީފާ ބެޖު ޖަހައިގެން ނުކުތް ފުރަތަމަ ދިވެއްސަކީ މައްލާ ޅަތުއްތުއެވެ. 1990 ވަނަ އަހަރު އިންޑިއާގައި ކުޅެވުނު އޭޝިއަން ކްލަބު ޗެމްޕިއަންޝިޕްގެ މެޗަކަށް މައްލާ ފީފާ ބެޖުގައި ރެފްރީ ކަމަށް ނުކުންނެވި ނުކުންނެވުމަކީ ރާއްޖެ ފަދަ ގައުމަކަށް ލިބުނު ބޮޑު ޝަރަފެކެވެ. އޭރު މައްލާއާއެކު ފީފާ ބެޖު ދެން ހޯއްދެވި އަނެއް ރެފްރީއަކީ އިބްރާހިމް އިސްމާއިލެވެ. އެއީ ދިވެހި ރެފްރީން ގައުމުގެ އަސްދަނޑިން ބޭރަށް ވިސްނުމަށް ލިބުނު ފަހުރުވެރި ހަނދާނެކެވެ. މައްލާގެ އެ ބެޖުގެ ފަހަތުގައި ވީ ކެރުމާއި، ސާބިތު ކަމެވެ. ތެދުވެރިކަމާއި "ޕޮރޮފެޝަނަލް" ކަމެވެ. ރެފްރީ ކަމުގައި އޭނާ ޖެހިލުންވި އެއްވެސް ކްލަބެއް، އެއްވެސް ވެރިއެއް ނެތެވެ. ދެބަސްވުންތައްވެސް ސާފު ސީދާ ގޮތެއްގައި "ހަންމަތަ" ކުރެއްވި މައްލާ ގެއްލިގެން ދިއުމަކީ ރެފްރީންގެ އާއިލާއަށް "ބައްޕަ" އެއް ގެއްލިގެން ދިއުމެވެ.

މައްލާ، އުމުރުން 76 އަހަރުގައި މިއަދު އަވަހާރަވީ އިންޑިއާގެ ޓްރިވެންޑްރަމްގައެވެ. މައްލާ ކެންސަރު ބަލީގައި އުޅުއްވަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމުގެ ތެރޭގައިވެސް މައްލާ ވަނީ ކުރެވުނު ހިދުމަތެއް ކޮށްދެއްވައިފައެވެ. ރެފްރީންގެ ކަންކަން އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ޝައުގުވެރިކަމާއެކު ގާތުން ބައްލަވައިފައެވެ. އެ ހަނދާންތައް އޭނާގެ ދަރިވަރުންގެ ކިބައިގައި ފޮހެވިގެން ނުދާނެ ފަދަ ގޮތަކަށް އާވަމުން މިއަދުވެސް ދެއެވެ.

އުމުރުން 16 އަހަރުގައި، 1964 ވަނަ އަހަރު ސިފައިންގެ ވަޒީފާއަށް ނުކުމެވަޑައިގަތް މައްލާ، ސަރުކާރުގެ ވަޒީފާ އަދާކުރައްވަމުންވެސް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ރެފްރީކަން ކުރައްވަމުން ދިޔައީ ގައުމީ ހިދުމަތަކަށެވެ. ރާއްޖޭގައި އޭރު އޮތް ވާދަވެރި ފުޓުބޯޅަ މާހައުލުގައި އެތައް ޒުވާން ރެފްރީންނަކަށް އޭނާ މަގު ކޮށައިދެއްވީ "ދަރިން" ބަލާ އުސޫލުން ގާތްކޮށް ދެކިގެންނެވެ. އޭރުން ފެށިގެން 1980 ގެ ފުޓުބޯޅައިގެ ވަރުގަދަ ވާދަވެރިކަމަށް މައްލާ ނުކުންނެވީ ނިއު ރޭޑިއަންޓާއި ވިކްޓަރީ، ވެލެންސިއާ އަދި ލެގޫންސް ފަދަ ކްލަބުތަކުން ކުރިމަތިލި ވަރުގަދަ ވާދަވެރިކަމުގެ ތެރެއަށެވެ. ޒުވާން ރެފްރީން ތަމްރީނުވެސް ކުރައްވަމުންނެވެ.

މައްލާގެ އުފެއްދުންތަކުގެ ފެންވަރުވެސް ރަނގަޅެވެ. ރާއްޖޭގައި އުފެދުނު އެންމެ ސާބިތު، އެންމެ ބިރުކުޑަ، ޝަހުސިއްޔަތު ވަރުގަދަ ރެފްރީންނަކީ މައްލާގެ "ޕްރޮޑަކްޓް"ތަކެވެ. އެގޮތުން މަގުބޫލު ފީފާ ރެފްރީން ކަމަށްވާ އަލީ ސަލީމާއި އަހުމަދު އަބީރު، ރިޔާޒް ރަޝީދުގެ އިތުރުން ރާއްޖޭގައި އުފެދުނު ފީފާގެ އެންމެ ވަރުގަދަ އެސިސްޓެންޓް ރެފްރީ މުހައްމަދު ސައީދަކީ، މައްލާގެ ދަރިވަރުންނެވެ.

"މައްލާގެ ހިދުމަތަކީ އަގުނުކުރެވޭނެ ހިދުމަތެއް. އަޅުގަނޑުމެން ރެފްރީންނަށް އެއީ ފޫނުބެއްދޭނެ މަގާމެއްވެސްމެ. މައްލާއަކީ ރެފްރީންގެ ބައްޕަ. އަޅުގަނޑު ހަނދާންވޭ، ނިއު ރޭޑިއަންޓާއި ވިކްޓަރީ ފަދަ ޓީމުތަކުން ކުޅުނު މެޗުތަކުގައި މައްލާއާއެކު ރޮނގު ބެލެހެއްޓި ހަނދާން. އޭރު އެ މެޗުތަކުގައި އަހަރެން ލައިންސްމަނަކަށް ހުންނަ އިރު، ޓީމުތަކުގެ ކުޅުންތެރިން އަހަރެމެންނާ ދިމާލަށް އަންނާނެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން. އެ އަންނަ ކޮންމެ ފަހަރަކު އަހަރެމެންގެ ހިމާޔަތުގައި މައްލާ އަންނާނެ. ވަރަށް ބޮޑަށް ސާބިތުވެ، އެ ނިންމެވުންތައް ނިންމަވާނީ،" މަރްހޫމް މުހައްމަދު ޒާހިރު ނަސީރު ކިޔަވައިދެއްވި ކޯހަކުން ފާސްވެ ރެފްރީންގެ ތެރެއަށް ނުކުމެ، 1993 ވަނަ އަހަރު ފީފާ ބެޖު ހޯއްދަވައި، 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ބްރެޒިލް ވާދަކުރި މެޗުގެ ރޮނގު ބެލެހެއްޓެވި ސައީދު، މައްލާގެ ވާހަކަ ކިޔައިދެއްވަމުން "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

ސައީދުގެ ހަނދާނުގައި މައްލާގެ ހިދުމަތުގެ އެތައް ކަމެއް އެބަހުއްޓެވެ. ސައީދަށް މައްލާގެ އެހީތެރިކަމާ ނުލައި، ރެފްރީކަމުގައި ކުރެއްވި ދިގު ދަތުރު ނުކުރެއްވޭނެ ކަމަށް އޭނާ އެއްބަސްވެވަޑައިގަންނަވައެވެ.

ސައީދުގެ ނަޒަރުގައިވެސް މައްލާއަކީ "ގޮތެއްގައި" ހުންނަވާ ބޭފުޅެކެވެ. މައްލާގެ ޝަހުސިއްޔަތަކީ އެކުވެރި ޝަހުސިއްޔަތެއް ނަމަވެސް ބުނަން ޖެހޭ އެއްޗެއް އިހުތިރާމާއެކު ދިމާލަށް ބުނާނެއެވެ. ހަރުކަށިކަމާއި ބޯހަރުކަމުން މައްލާ ހިފެހެއްޓެވީ ފެންވަރެވެ. އެކަން ހުރިހާ ރެފްރީންވެސް ފާހަގަކުރެއެވެ. އެއީ މައްލާއާ ބައެއް ކުޅުންތެރިން މައްސަލަ ޖެހުމަށްވެސް މެދުވެރިވި ސަބަބެވެ. ތެދުވެރިވުމެވެ. ސީދާ ވުމެވެ. ދުރުދުރުން ވާހަކަތައް ދެއްކުމުގެ ބަދަލުގައި ގޯހިއްޔާ ގޯހޭ ބުނުމެވެ.

"އަޅުގަނޑުމެންގެ ރެފްރީކަމުގެ ބިންގާ އަޅުއްވައިދެއްވީ މައްލާ. އެންމެ ފުރަތަމައިނުން ފެށިގެންވެސް މައްލާ ރެފްރީގެ ކަންކަން ގާތުން ބައްލަވާނެ. އަދި ގޯހިއްޔާ ގޯހޭވެސް ސީދާ ދިމާލަށް ބުނުއްވާނެ. އެއީ އެކަން އޮންނަންވާނެވެސް ގޮތް. މައްލާގެ މިޒާޖަކީ ވަރަށް މީހުންނާ ގުޅޭ މިޒާޖެއް. އެހެންވިޔަސް ކަންކަން ރަނގަޅުކުރަން ބުނުއްވާނެ ސީދާ ބުނަން ބޭނުންވާ ގޮތަށް. އެއީ އަހަރެމެންނަށްވެސް މައްލާގެ ކިބައިން ދަސްވި ވަރަށް މުހިއްމު ސިފައެއް. މައްލާ ގެއްލުން އެއީ ފުޓުބޯޅަ އާއިލާއަށް ލިބުނު ވަރަށް ބޮޑު ދެރައެއް. އަބަދުވެސް ގުޅައި ހަދާނެ. އިންޑިއާއަށް ދިއުމުގެ ކުރިންވެސް އަޅުގަނޑާ ގުޅުއްވައި ރެފްރީންގެ ވާހަކަތައް ހިއްސާކުރެއްވި،" ގިނަ ދުވަސްތަކެއް ވަންދެން ފީފާ ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސަލީމް "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

ސަލީމްގެ ނަޒަރުގައި ވީޑިއޯގެ ވަސީލަތްތައް ނެތި ކުރިއަށްދިޔަ އެ ޒަމާނުގައި މައްލާގެ އިރުޝާދަކީ އޭރުގެ އެންމެ އަގުހުރި ނަސޭހަތެވެ. ފީފާ ބެޖާ ހަމައަށް ދިއުމުގެ ކުރިންވެސް މައްލާ ވަނީ ރެފްރީން އުފައްދަވަމުން ގައުމީ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދިޔަވެސް މެއެވެ. ދިވެހި ރެފްރީން ދުނިޔޭގެ ފެންވަރަށް ގެންގޮސްދީ، ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައިވެސް އެންމެ އިސްކޮށް ފުޓުބޯޅަ ރެފްރީކަން ކުރެއްވީ މައްލާއެވެ. އެ ޝަހުސިއްޔަތުގެ އަގު، ސަރުކާރުތަކުން ވަޒަންވެސް ކުރައްވާފައިވެއެވެ.

ދިވެހި ދައުލަތަށް 43 އަހަރު ހިދުމަތްކުރެއްވި މައްލާ ވަނީ އެސްޓީއޯގައި 16 ވަރަކަށް އަހަރު، އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގައި 11 އަހަރު ހިދުމަތް ކުރައްވައިފައެވެ. އޭގެ އިތުރުން ހޯމް އެފެއާޒްގައިވެސް މައްލާ ވަނީ ވަޒީފާ އަދާކުރައްވައިފައެވެ. އެ ހުރިހާކަމެއްގެ ތެރެއިންވެސް ރެފްރީ ކަމަށް ވަގުތު ހޯއްދެވިއެވެ. ރެފްރީކަމުގެ މުހިއްމު ކަމަށް ވިސްނުން ހިންގަވައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިދުމަތަށް އެދުނު ކޮންމެ ފަހަރަކުވެސް އެކަން ކޮށްދެއްވިއެވެ. ހަވީރުގެ މެޗަކަށްވިޔަސް، ގަޑި ޖެހެމުންދަނިކޮށް ބުންޏަސް، ސީދާ ގަޑިއަށް ހާޒިރުވެ ހުންނަވާނެ ކަމަށް އޭރުގެ އެތައް ބަޔަކު ބުނެފައިވެއެވެ.

"އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމަންޓާ ހަވާލުވެގެންވެސް ތިން ފަހަރު ހުންނެވި. އެއީ އޭރު ރެފްރީންގެ ކަންކަމުގައި އެފްއޭއެމްއަށް ނުވީމަވެސް ގޮސް ހަވާލުވާނީ މައްލާ. އަދި އެ ހަވާލުވެ ހުންނަ ދުވަސްވަރު، އެއްވެސް މެޗެއް ގަވާއިދުން ނުބަލައި ނުދާނެ. ކޮންމެ މެޗެއްގައިވެސް ރެފްރީން ގާތުން ބަލައި، ގޯސް ނަމަ ހާފް ޓައިމްގައިވެސް ގޮސް ބުނަން ޖެހޭ އެއްޗެއް ބުނާނެ. އެއީ ވަރަށް ތެދުވެރި ބޭފުޅެއް ހަގީގަތުގައި. އެހާމެ، ވަރުގަދަ ބަސް ބުނުއްވާ ވަރުގަދަ ޝަހުސިއްޔަތެއްވެސް މެ. އަދި އޭގެ އިތުރުން ރެފްރީންނަށް ބޭނުންވާ ކަށިގަނޑާއި ދިދަ ކަހަލަ ސާމާނުވެސް އަބަދުވެސް ގެންގުޅުއްވާނެ. ބޭނުންވެއްޖެ ކޮންމެ ކުއްޖަކަށް ބަރާބަރަށް އަގަކާ ނުލައި، އެ ތަކެތި ފޯރުކޮށްދެއްވާނެ. މައްލާ ރެފްރީންގެ ކަންކަމަށް ބެލިވަރުން، ބައެއް ރެފްރީން ބުނާނެ ވަރަށް ވިސްނަން ޖެހޭ މެޗުތަކުގައި، އެއީ މައްލާ އިންނާނޭ ބަލަން،" ރާއްޖޭގެ ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން، މައްލާގެ ހަނދާންތައް ހިއްސާކުރައްވަމުން "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

މައްލާ ސަރުކާރު ހިދުމަތުން، 43 އަހަރަށްފަހު 2010 ވަނަ އަހަރު ރިޓަޔާކުރެއްވީ ހިތްހަމަ ޖެހިވަޑައިގެންނެވެ. މައްލާގެ އަގުހުރި ހިދުމަތަށް ގައުމީ ހިތްވަރުދިނުމުގެ އިނާމު، ގައުމީ ޝަރަފުވެރިކަމުގެ އިނާމު، ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވުމުގެ އިނާމުގެ އިތުރުން ކުޅިވަރުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންނެވިއެވެ. ކުޅިވަރުގައި ދެވަނައެއް ނެތް ޝަހުސިއްޔަތެކެވެ. މައްލާ އަވަހާރަވުމާއެކު ރާއްޖޭގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވަމުން މައްލާގެ ހިދުމަތުގެ އަގުވަޒަން ކުރައްވައިފައެވެ.

"ގައުމީ ހިދުމަތުގެ ނަމޫނާ ޝަހުޝިއްޔަތެއް ކަމުގައިވާ މައްލާ ޅަތުއްތު އަވަހާރަވި މި ހިތާމަވެރި ވަގުތު، އެ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދެމެވެ،" ރައީސްގެ ތައުޒިއާގައިވެއެވެ.

އޭގެ އިތުރުން މުޅި ފުޓުބޯޅަ އާއިލާއިން ވެސް އަންނަނީ މައްލާގެ ވަކިވުމަށް ތައުޒިޔާ ފޮނުއްވަމުންނެވެ. ޝަހުސިއްޔަތުގެ އަގުވަޒަން ކުރައްވަމުންނެވެ. ސާބިތު، ދެވަނައެއް ނުވާ ތެދުވެރި ނަމޫނާ ރެފްރީއެކެވެ. ހަތް ބޭފުޅުންގެ އަގުހުރި ބައްޕައެކެވެ. ވަކިވެދިޔައީ ދިވެހި ރެފްރީންގެ ބައްޕައެވެ. ސުވަރުގެ މިންވަރު ކުރައްވާށި، އާމީން.