އާބަން ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތައް ހިންގުމުގެ ބާރު އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ދޭގޮތަށް، ސަރުކާރުން އާބަން ޑިވެކޮޕްމަންޓްގެ ބިލް މަޖިލީހަށް ފޮނުވައިފިއެވެ.

ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒު މަޖިލީހަށް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ މި ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

ސަރުކާރުން މި ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބިލްގައި ހިމަނާފައި ވަނީ، ރާއްޖޭގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީ ކުރުމާ ގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމު ކުރުމެވެ. އޭގެ އިތުރުން އާބަން ސަރަހައްދުތަކާއި، އެފަދަ ސަރަހައްދުތަކުގެ ޒޯންތަކާއި، ގިންތިތަކާއި، ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި، އާބަން ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް މޮނީޓާކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުން ވެސް މި ބިލް ހުށަހެޅުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭކަމަށް ބުނެފައިވެއެވެ.

ބިލްގައި ވަނީ ސިޓީ ހިމެނޭގޮތުން ދިރިއުޅޭ ޖުމުލަ އާބާދީގެ އަދަދު 150،000 އަށްވުރެން ބޮޑު ސަހަހައްދުތަކަކީ، މެޓްރޮޕޮލިޓަން ސަރަހައްދުކަމަށް ކަނޑައެޅުމަށެވެ. އަދި އާބަން ސެންޓަރުތައް ހިމެނޭ، ސަރަހައްދުގައި ދިރިއުޅޭ ޖުމުލަ އާބާދީގެ އަދަދު 50،000 އަށްވުރެ ބޮޑުނަމަ އާބަން ރީޖަންގެ ގޮތުގައި، ސިޓީއެއްގެ ގޮތުގައި ކަނޑައަޅަން ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވުމާއެކު، ޖުމުލަ އާބާދީ 10،000 އަށްވުރެ ބޮޑުނަމަ އާބަން ސެޓަރުގެ ގޮތުގައި ކަނޑައެޅުމަށެވެ.

ބިލްގައިވާ ގޮތުން އާބަން ސަރަހައްދުތައް ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ބިލްގައި ބުނެފައިވަނީ އެގޮތަށް ކަނޑައަޅާ ސަރަހައްދުތަކަކީ، ލޯކަލް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދެއް ނަމަވެސް އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ހުރިހާ ބާރެއް އޮންނާނީ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ކަމަށެވެ. ކައުންސިލްތަކުން ހަމައެކަނި ބަލަހައްޓާނީ އެ ސަރަހައްދެއްގެ މުނިސިޕަލް ހިދުމަތްތައް ކަމަށްވެސް ބުނެފައިވެއެވެ.

ބިލްގައި ބުނާގޮތުން، އެކަމަށް ޓަކައި އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ އެކުލަވައިލުމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ އާބަން ޕްލޭނިން އާއި އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ގާނޫނީ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި މުދަލާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުން ވެސް އެ އޮތޯރިޓީއަށް ބަދަލުވާނެ އެވެ.

އެފަދަ ސަރަހައްދުތައް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ކަންކަން އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންދާނީ އެ ސަރަހައްދެއްގެ ކައުންސިލާ އެކު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ބިލުގައިވެއެވެ.