ރިސޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ދޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުރުކޮށް، ކުޑަ އަގު ދައްކައިގެން މުއްދަތު އިތުރުކުރެވޭ ގޮތް ހަދަން ޓޫރިޒަމާ ބެހޭ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފިއެވެ.

މަޖިލީހުގައި މި ބިލްގެ ބަހުސް ފެށީވެސް މިއަދުއެވެ.

މި ބިލް މަޖިލީހަށް މިއަދު ބަލައިގެންފިނަމަ މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންދަވާނެ ކަމަށް، މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވަނީ ވިދާޅުވެފައެވެ. މިއަދުގެ ޖަލްސާގައި މި ބިލް މަޖިލީހަށް ހުށަހެޅުއްވީ، ދަނގެތީ ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދެވެ.

ޖަލްސާގެ ފުރަތަމަ ދަންފަޅި 10:30 ގައި ނިންމަވައިލެއްވިއިރު ބިލްގެ ބަހުސްގައި 12 މެނަބަރުން ވާހަކަ ދައްކަވައި ނިންމަވައިލެއްވިއެވެ. އެހެންކަމުން 11:00ގައި ޖަލްސާގެ ދެވަނަ ދަންފަޅި ފައްޓަވައި މަޖިލީހަށް ބިލް ބަލައިގަތުމަށް ވޯޓަށް އައްސަވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން ދެވަން ދަންފަޅި ފެއްޓެވުމަށްފަހު ބިލް ބަލައިގަންނަން އެހި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 75 މެންބަރުންގެ އިއްތިފާހުން ބިލް މަޖިލީހަށް ބަލައިގަތެވެ.

އެއަށްފަހު މަޖިލިސް ޖަލްސާ މުޅި މަޖިލީހުގެ ކޮމެޓީއަށް ބަދަލު ކުރައްވައި ކޮމިޓީގައި ބިލްގެ ބަހުސް ފެއްޓެވިއެވެ. މުޅި މަޖިލީހުގެ ކޮމެޓީގެ މުގައްރިރުގެ ގޮތުގައި އިންނެވި މަޖިލީހުގެ ރައީސް، އެ ބިލަށް އިސްލާހު ހުށަހެޅުމަށާއި ބަހުސް ކުރުމަށް ހުޅުވައިލެއްވިއެވެ.

ބަހުސްގެ ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ، ވަރަށް ފޫޅާދާއިރާއެއްގައި މަޖިލީހުގައި ބިލަށް ބަހުސް ކުރެވިފައިވާ ކަމަށެވެ. އަދި އެ ބިލްގައިވާ އިސްލާހުތަކަކީ ހުރިހާ މެންބަރުން އިއްތިފާގުވާ އިސްލާހުތަކެއް ކަމަށްވާތީ، އިތުރު އިސްލާހަކާ ނުލައި ބިލް އޮތްގޮތަށް ކޮމެޓީން ފާސްކުރަން އޭނާ ހުށަހެޅުއްވިއެވެ.

އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

ނަމަވެސް މިއަދު މަޖިލީހަށް ހުށަހަޅައި، ބިލް ބަލައިގަނެ، އަދި މުޅީ މަޖިލީހުގެ ކޮމިޓީއަށް ގެންގޮސް އެ ކޮމެޓީން ބިލް އޮތްގޮތަށް ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވަން ފާސްކުރުމުން، އެހާ އަވަސް ގޮތެއްގައި ބިލްގެ މަސައްކަތް ގެންދާތީ އިދިކޮޅު އެމްޑީޕީގެ މެންބަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވަގުތު މުޅި މަޖިލީހުގެ ކޮމެޓީގެ މުގައްރިރުގެ ގޮތުގައި އިންނެވި މަޖިލީހުގެ ރައީސާ ސުވާލު ކުރެއްވިއެވެ.

ވަރަށް އަވަސް ގޮތަކަށް ބިލް ނިމިގެންދާތަން ފެންނަކަން ފާހަގަ ކުރައްވައި ނާޒިލް ސުވާލު ކުރެއްވީ އެކަމުގެ މަގުސަދު އޮޅުންފިލުވުމަށެވެ.

"ވަރަށް އަވަސް ގޮތަކަށް ބިލް ނިމިގެންދާތަން މިފެންނަނީ، މި ހަމަ މިވަގުތަށް މިކަން ކުރަން އެންމެ ރަނގަޅު ގޮތްތޯ، މީގެ މަގުސަދަކީ، ހާސިލް ކުރެވޭނެ ކަމަކީ ކޮބައިތޯ، މިކަމުން މުޅި ގައުމަށާއި މުސްތަގުބަލަށް ކުރާނެ ފައިދާއަކީ ކޮބައިތޯ ޗެއާ ވިދާޅުވެދެއްވަފާނަންތޯ،" ނާޒިމް ސުވާލު ކުރެއްވިއެވެ.

އެ ސުވާލާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، ކޮމެޓީ މަސައްކަތް އޮތީ ފެށިފައި ކަމަށާއި، އޭރު ބިލަށް މެންބަރުންގެ ހިޔާޅުފުޅުތައް ހުށަހަޅުއްވަމުން ގެންދަވަނީ ކަމަށެވެ. އަދި ރިޔާސަތުން މުގައްރިރުގެ ހައިސިއްޔަތުން، ނާޒިލްގެ ސުވާލަށް ޖަވާބުދޭން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު މުޅި މަޖިލީހުގެ ކޮމެޓީން ބިލް ފާސްކުރަން ވޯޓަށް އެއްސެވިއެވެ. ކޮމެޓީން ބިލް ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 77 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 76 މެންބަރުންގެ އިއްތިފާގުންނެވެ. އެހިސާބުން ކޮމެޓީ ނިންމަވައިލެއްވިއެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު އޮންނަގޮތުން ރިސޯޓު ނުވަތަ އިންޓަގްރޭޓަޑް ރިސޯޓު ހަދަން ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކޮށްފައިވާ ފަރާތެއްގެ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ، އެތަން ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 އަހަރަށް އިތުރުކޮށްދެވޭނެއެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާ ނަމަ، އެ ފައިސާ ދައްކައި ހަލާސްކޮށްފައިވުމެވެ. ނަމަވެސް އޭގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމާ ބެހޭ މިނިސްޓްރީން ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާއެއް ނުހިމެނޭނެ އެވެ.

އޭގެ އިތުރުން އެ ގާނޫނަށް 27 ޑިސެމްބަރު 2022 ގައި ގެނައި 10 ވަނަ އިސްލާހަށް އަމަލުކުރަން ފެށި ދެ އަހަރުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު، އެ މުއްދަތަށް ފަހު 99 އަހަރަށް މުއްދަތު އިތުރުކުރަން ހުށަހަޅާއިރު ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ބިލުގައި ބުނަނީ، ގާނޫނަށް ގެންނަ އެ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަސް ފާއިތުވުމަށް ފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާ ނަމަ، 10 މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެ ކަމަށެވެ.

ފަސް މިލިއަން ޑޮލަރުގެ ފީ ދައްކައިގެން ރިސޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރަން ލިބޭ ފުރުސަތު އަންނަ ޑިސެމްބަރަށް ހަމަވާ އިރު، ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ، 10 މިލިއަން ޑޮލަރުގެ ބަދަލުގައި ދައްކަން ޖެހޭނީ ފަސް މިލިއަން ޑޮލަރުގެ ފީއެކެވެ.