އިންޑިއާއާއެކު އޮތް ރަހުމަތްތެރިކަމުގެ ސަބަބުން، ރާއްޖެއާއި މި ސަރަހައްދަށްވެސް ތަރައްގީ ގެނުވައިދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އިންޑިއާގައި މިއަދު ފާހަގަކުރަމުން އަންނަ، އެ ގައުމުގެ 76 ވަނަ މިނިވަން ދުވަހުގެ ހެޔޮ އެދުންތައް އެ ގައުމުގެ ވެރިންނަށް ފޮނުއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި، އިންޑިއާގެ ރައީސް ދްރުޕަތީ މުރްމުއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވައި ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން، ދެ ގައުމަށާއި މި ސަރަހައްދަށް ތަރައްގީ ގެނުވައިދޭ ގުޅުމަކަށް ބަދަލުވެފައިވާ ކަމަށެވެ.
"މުސްތަގުބަލުގައި މި ގުޅުން އިތުރަށް ބަދަހިވެ ދެ ގައުމުން އެދޭ އަމާޒުތަކުގެ ތަކުގެ މައްޗަށް މަސައްކަތްކޮށް ތަރައްގީ ގެނެވޭނެ ކަމަށް އުންމީދުކުރަން" ރައީސް ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައި ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ ކުރީކޮޅުގައި އިންޑިއާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އެއީ ސަރުކާރުގެ ތިން ނައިބު ވަޒީރަކު، މޯދީއަށް ފުރައްސާރަކުރުމާއި އިންޑިއާއަށް ނުސީދާ ގޮތެއްގައި ސަރުކާރުގެ އިސް ބޭފުޅުން ފާޑުވިދާޅުވުމުންނެވެ. އެކަމުގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ބޮޑުތަނުން މަދުވިއެވެ. ނަމަވެސް ސަރުކާރުގެ މަސައްކަތުން ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން މިހާރު އަންނަނީ ރަނގުވަމުންނެވެ.
އެ ގޮތުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރާއި ފޮރިން މިނިސްޓަރުވެސް އިންޑިއާއަށް ދަތުރުކުރައްވާފައިވާއިރު، އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރުވެސް ދާދި ފަހުން ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު