ނޭޕާލުގައި މި މަހުގެ 18 އިން 28 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތަށްދާ ރާއްޖޭގެ ގައުމީ ޒުވާން ސްކޮޑުގެ ތައްޔާރީތައް ދުރާލައި ރަނގަޅަށް ކުރިއަށް ގެންދެވުނު ކަމަށާއި މުބާރާތުގެ ޓާގެޓަކީ ފައިނަލް ކުޅުން ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާނީ ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ސްރީ ލަންކާ، ބޫޓާން އަދި އިންޑިއާއާއި ރާއްޖެއެވެ. ޕާކިސްތާނުވެސް މުބާރާތުގައި ބައިވެރިވި ނަމަވެސް އެ ޓީމުން މިހާރު ވަނީ ނަން ނަގައިފައެވެ. ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ބޫޓާނާއި އިންޑިއާއެވެ.

ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތީ ގޯސް ހާލަތެއްގައި ނަމަވެސް ޓީމުން ވަނީ މަހެއް ދުވަސް ކުރިން ތައްޔާރީތައް ފަށައިފައެވެ.

"ގާތްގަނޑަކަށް އަޅުގަނޑުމެން މިފަހަރު މުބާރާތަށް މިދަނީ އެއް މަހާ 15 ވަރަކަށް ދުވަހުގެ ތައްޔާރީތަކަށްފަހު. މިހާރު މި އޮތް ހާލަތަށް ބަލާފައި ވަރަށް ރަނގަޅަށް ތައްޔާރުވެގެން މި ދަނީ. ދެން މުބާރާތަށް ތައްޔާރުވުމަށް ބައެއް އެކުވެރިކަމުގެ މެޗުތައްވެސް ކުޅެފައިވާނެ. ނަމަވެސް ލީގު ކުރިއަށް ނުދާތީ ބޭނުންވާ ފެންވަރުގެ މެޗުތައް ހޯދަން އުނދަގޫވި. ނަމަވެސް ހަމަ ރަނގަޅު މެޗުތަކެއް ކުޅެވިގެންދިޔަ،" ޝާކިއްޓެ މިއަދު ބުންޏެވެ.

ޝާކިއްޓެއަކީ ޒުވާން ޓީމުތަކުގައި ތަފާތު، ޔޫތު މުބާރާތްތަކުގައި އެންމެ ކާމިޔާބު ކޯޗެވެ. ޓީމުގެ އެސިސްޓެންޓް ކޯޗުންނަކީ މުހައްމަދު އަރީފާއި އިސްމާއީލް އާސިފެވެ. ގޯލްކީޕަރު ކޯޗަކަށް ސީނިއާ ގައުމީ ޓީމުގެ ތަޖުރިބާކާރު ކޯޗު، އަސްލަމް އަބްދުލް ރަހީމް ޓީމައެކު ބައިވެރިވާ އިރު، މެނޭޖަރަކީ މުހައްމަދު އަބީރެވެ. ހެޑް އޮފް ޑެލިގޭޝަނުގެ ގޮތުގައި ރާއްޖޭގެ ސީނިއާ ޓީމުގެ ކޯޗު އަލީ ސުޒައިން ވެސް ޓީމާއެކު މިއަދު ފުރާފައިވެއެވެ.

ޝާކިއްޓެ މިއަދު އިތުރަށް ބުނީ ޓީމު ނެގުމުގައި އެންމެ ބޮޑަށް ބެލީ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕަށް ނަމަވެސް އަތޮޅުތެރޭގެ ރަށްރަށުން ދަންނަ ކުޅުންތެރިންނަށް އެޕްރޯޗް ކޮށްގެން ޓީމަށް ކުޅުންތެރިން ގެނެސްފައިވާނެ ކަމަށެވެ.

ރާއްޖެއިން ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެއީ 21 އޮގަސްޓްވާ ބުދަ ދުވަހުއެވެ. މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދުރު ފަހު 3:15 ގައެވެ. މެޗުތައް ކުޅެން ހަމަޖައްސާފައިވަނީ ނޭޕާލްގެ ކަތަމަންޑޫގެ ދަޝަރާތު ރަންގަސަލާ ސްޓޭޑިއަމްގައެވެ.

ޝާކިއްޓެ މިއަދު އިތުރަށް ބުނީ "ހަމަ ކުޅެލަން މުބާރާތަކަށް ނުދާނެ،" ކަމަށާއި "ޓާގެޓަކީ މުބާރާތުގެ ފައިނަލް،" ކަމަށެވެ.