ރެއާލް ސޮސިއެދާދަށް ކުޅެމުންދާ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ، ލިވަޕޫލްގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ސްޕެއިން މިޑްފީލްޑަރު ޒުބިމެންޑީ ވަނީ މިދިޔަ ޔޫރޯ 2024، އެ ގައުމަށް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދީފައެވެ. އޭނާ ވަނީ ޔޫރޯ 2024 ގެ ފައިނަލް މެޗުގައިވެސް ކުޅެފައެވެ. ރޮޑްރީގެ ބަދަލަށް އޭނާ އެ މެޗަށް ނުކުމެ، އިންގްލެންޑާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.

ލިވަޕޫލުން ރަސްމީކޮށް ޒުބިމެންޑީ ހޯދަން މަސައްކަތް ކޮށްފައި ވަނީ އޭނާ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ބުނުމުންނެވެ. ޒުބިމެންޑީ ހޯދަން ލިވަޕޫލުން ދެ ފަހަރަކަށް ރަސްމީ ވާހަކަތައް ދެއްކި ނަމަވެސް، ކްލަބަށް ބިޑެއް ހުށަހަޅާފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ. އަގެއް ކަނޑައެޅުމުގެ ކުރިން ލިވަޕޫލުން ފުރަތަމަ ބެލީ، ޒުބިމެންޑީ ހިތް ރުއްސޭތޯއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވާ ކަމަށް މިހާރު ނޫސްތައް ވަނީ ބުނެފައެވެ.

ސޮސިއެދާދުންވެސް ލިވަޕޫލާއެކު ޒުބިމެންޑީއާ ވާހަކަ ދައްކަމުން ދިޔަ އިރު، ރިޕޯޓުތައް ބުނާ ގޮތުން އޭނާ ނިންމީ ސޮސިއެދާދުގައި އަދި މަޑުކުރުމަށެވެ.

ލިވަޕޫލްގެ އާ ކޯޗު، އާނޭ ސްލޮޓް ކޯޗުކަމާ ހަވާލުވެ ޓްރާންސްފާތަކަށް މަސައްކަތް ކުރަމުންދާ އިރު، އޭނާ އެންމެ ބޮޑަށް ކުޅުންތެރިޔަކު ބޭނުންވާ މަގާމަކީ ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމެވެ. މިހާރު އޮތް ގޮތުން، އެ މަގާމަށް ސްލޮޓް ޖެހޭނީ އިތުރު ހައްލެއް ހޯދާށެވެ.

ސްލޮޓަށް އެ މަގާމަށް ކުޅުވިދާނެ ކުޅުންތެރިންގެ ތެރޭގައި ރަޔަން ގްރަވެންބާޗް، ކާޓަސް ޖޯންސް، ޑޮމިނިކް ޒޮބޮސްލާއީ، ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް އަދި ވަޓަރު އެންޑޯ ފާހަގަކޮށްލެވެއެވެ.