ރިސޯޓު ހިންގަން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ދޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުރުކޮށް، ކުޑަ އަގު ދައްކައިގެން މުއްދަތު އިތުރުކުރެވޭ ގޮތް ހަދަން ޓޫރިޒަމާ ބެހޭ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު އޮންނަގޮތުން ރިސޯޓު ނުވަތަ އިންޓަގްރޭޓަޑް ރިސޯޓު ހަދަން ރަށެއް ނުވަތަ ބިމެއް ކުއްޔަށް ދޫކޮށްފައިވާ ފަރާތެއްގެ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ، އެތަން ކުއްޔަށް ދީފައިވާ މުއްދަތު އިތުރު 49 އަހަރަށް އިތުރުކޮށްދެވޭނެއެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތަކުގެ ތެރޭގައި ހިމެނެނީ، ރަށް ނުވަތަ ބިން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއް ނުވަތަ ފީއެއްވާ ނަމަ، އެ ފައިސާ ދައްކައި ހަލާސްކޮށްފައިވުމެވެ. ނަމަވެސް އޭގެ ތެރޭގައި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމާ ބެހޭ މިނިސްޓްރީން ފަސްކޮށްދީފައިވާ ކުއްޔާއި ޖޫރިމަނާއެއް ނުހިމެނޭނެއެވެ.

އޭގެ އިތުރުން އެ ގާނޫނަށް 27 ޑިސެމްބަރު 2022 ގައި ގެނައި 10 ވަނަ އިސްލާހަށް އަމަލުކުރަން ފެށި ދެ އަހަރުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު، އެ މުއްދަތަށް ފަހު 99 އަހަރަށް މުއްދަތު އިތުރުކުރަން ހުށަހަޅާއިރު ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ސަރުކާރުގެ ދަނގެތި ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދު މަޖިލީހަށް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އެ ބިލުގައި ބުނަނީ، ގާނޫނަށް ގެންނަ އެ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސްދުވަސް ފާއިތުވުމަށް ފަހު މުއްދަތު އިތުރުކުރުމުގެ ފީ ދައްކާ ނަމަ، 10 މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައްކަންވާނެ ކަމަށެވެ.

ފަސް މިލިއަން ޑޮލަރުގެ ފީ ދައްކައިގެން ރިސޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރަން ލިބޭ ފުރުސަތު އަންނަ ޑިސެމްބަރަށް ހަމަވާ އިރު، ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ، 10 މިލިއަން ޑޮލަރުގެ ބަދަލުގައި ދައްކަންޖެހޭނީ ފަސް މިލިއަން ޑޮލަރުގެ ފީއެކެވެ.