މިހާރު ސޮއިކޮށްފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ އަގަކީ 36.8 ބިލިޔަން ރުފިޔާ ކަމަށާއި، ނަމަވެސް އެކަމަށް ބަޖެޓުގައި ހުރީ އެންމެ ފަސް ބިލިޔަން ރުފިޔާ ކަމަށް މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ ޑރ. އަބުދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވީ، 36.8 ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓްތަކުގައި ސޮއިކޮށްފައިވާއިރު، 31.5 ބިލިޔަން ރުފިޔާގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ބަޖެޓުގައި އެކަމަށް އޮތީ އެންމެ ފަސް ބިލިޔަން ރުފިޔާ ކަމަށެވެ. އެކަމުގެ ސަބަބުން ބައެއް މަޝްރޫއުތައް ނުހިންގައި ދޫކޮށްލަން ޖެހިފައިވާ ކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ.
"މި އަހަރަށް ލިބިފައި ވަނީ ފަސް ބިލިއަން ރުފިޔާއަށް ވުރެ ކުޑަ އަދަދެއް، އަޅުގަނޑުމެނަށް ޕްރިއޮރަޓައިޒް ކޮށްގެން ނޫން ގޮތަކަށް މަޝްރޫއު ހިންގޭ ގޮތަކަށް ނޫން ބަޖެޓު އޮތީ،"
އެހެންކަމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މެންބަރުން ބަޖެޓު ހައްދަވާއިރު، މަޝްރޫއެއް ކުރިޔަށް ގެންދެވޭ ވަރަށް ބަޖެޓުގައި ފައިސާ ހިމަނަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ މަޝްރޫއުތައް ހިންގަން ޖެހޭނީ އެހެން ކަންކަމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާތައް އެކި ދިމަދިމާލުން ނަގައިގެން ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު