ޓެކްސްތައް ބޮޑުކުރަން ސަރުކާރަށް، ޗެކް ފޮތެއް ނުދެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމު އެހެން ވިދާޅުވީ، ވޯކް ޕާމިޓް ފީއާއި ކޯޓާ ފީ ބޮޑުކުރެވޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހެޅި އިސްލާހުގެ ބިލު ދިރާސާކުރުމުގެ މަަސައްކަތް ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މިއަދުގެ ބައްދަލުވުމުގައެވެ.
ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަނީ، ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ އަދި ކޯޓާ ފީގެ ގޮތުގައި އަހަރަކު 2،000 ރުފިޔާ ދައްކަންޖެހޭ ގޮތަށެވެ. ނަމަވެސް ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ، ގަވާއިދަކަށް ގެންނަ އިސްލާހަކުން އެ ފީތައް ބޮޑު ކުރެވޭ ގޮތަށެވެ. އެގޮތުން ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ގިނަވެގެން ކޮންމެ ދޮޅު އަހަރަކުން އެ ފީތަކަށް ބަދަލު ގެނެވޭ ގޮތަށް ހެދުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.
އެހެންކަމުން މަދުވެގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރު، ގިނަވެގެން 18 މަސްދުވަހުގެ މުއްދަތަކަށްވުރެ ކުރު ނުވާނެ ގޮތުގެ މަތިން މުރާޖާކޮށް އެ ދެ ފީއަށް ބަދަލު ގެނެވޭނެއެވެ. އެގޮތަށް މުރާޖާކުރުމަށް ފަހު ކަނޑައަޅާ ފީ، އެއިރެއްގައި ކަނޑައަޅާފައިވާ ފީގެ ތިރީސް ޕަސެންޓަށްވުރެ އިތުރު ވެގެން ނުވާނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
އެހެންކަމުން ވޯކް ޕާމިޓްގެ ގޮތުގައި މިހާރު ނަގާ ފީ 350 ރުފިޔާ އިން 455 ރުފިޔާއާ ހަމަައަށް އަދި ކޯޓާ ފީ 2،000 ރުފިޔާ އިން 2،600 ރުފިޔާއާ ހަމައަށް ފުރަތަމަ ފަހަރަށް ބޮޑު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
އެ ފީތައް ބޮޑުކުރުމަށް ދެކޮޅު ހައްދަވައި ގާސިމު ވިދާޅުވީ، ގާނޫނުން އެ ބާރު ސަރުކާރަށް ދީފި ނަމަ، ވަގުތުން އެ ފީތައް ބޮޑު ކުރާނެ ކަމަށެވެ. އޭގެ ސަބަބުން އިންފްލޭޝަން މައްޗަށް ދިއުމާއި މީހުންނަށް ދަތިހާލު ޖެހުމާއި ކޮންސްޓްރަކްޝަން މަސައްކަތްތައް ދެކޮޅު ނުޖެހުމާއި އިގުތިސާދު އިތުރަށް ހަލާކުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމު ވިދާޅުވީ، ވިސާ ފީއާއި ވޯކް ޕާމިޓް ފީގެ ގޮތުގައި މިހާރު ނަގަން އޮތް އަދަދު ރަނގަޅު ކަމަށާއި އެ އަދަދު އެއްގޮތަކަށްވެސް ބޮޑުކޮށްގެން ނުވާނެ ކަމަށެވެ.
ނަމަވެސް އެ މާއްދާ ބަދަލުކޮށް އިސްލާހުކުރުމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ދެކޮޅު ހައްދަވައި، ފީތައް ބޮޑުކުރެވޭ ގޮތަށް އެ މާއްދާ ބޭއްވުމަށް އޭނާ ހުށަހެޅުއްވިއެވެ. އަޒާން ވިދާޅުވީ ސަރުކާރުން އެ އިސްލާހުތައް ފޮނުވީ ވަރަށް ބޮޑަށް ދިރާސާކޮށްފައި ކަމަށާއި އެއަށް ބަދަލުތައް ގެންނަން ވެއްޖެއްޔާ ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީއަށް އަސަރުކޮށްފާނެ ކަމަށެވެ.
އަޒާން އެހެން ވިދާޅުވުމުން ގާސިމް އެކަމަށް ދެކޮޅު ހައްދަވައި، އަޒާންއަށް ބަހުގެ ހަމަލާތަކެއް ދެއްވިއެވެ. ގާސިމު ވިދާޅުވީ، ރައްޔިތުން ފެލައިގެން ލާރި ނަގަން އުޅުނަސް، މުޅި ޕްރޮޖެކްޓްގެ ކޮސްޓާއި މީހުންގެ ލިިވިން ކޮސްޓާއި ހުރިހާ އެއްޗެއް އަތްނުފޯރާ ވަރަށް ބޮޑުވެގެންދާއިރު، ސަލަމާތެއް ނުވާނެ ކަމަށެވެ.
"އެހެންވީމަ އެއްގޮތަކަށްވެސް މި ލެވެރޭޖް ދޭކަށް ނުފެނޭ ސަރުކާރަށް، 2،000 ރުފިޔާ ބާއްވަން ޖެހެނީ، ދެން ބޮޑުކުރަން ބޭނުން ނަމަ މި ގާނޫނު އިސްލާހުކުރަން ފޮނުވަންވީ، ހަމަ ގަވާއިދު ހަދާލާފައި، ގަވާއިދުން ޓަސްލާފައި އޯޕަންކޮށް ޗެކްބުކެއް ދޭ ހެން، މީހުން އަތުން ޓެކްސް ނެގޭނެ ގޮތަށް އޮވެގެން ނުވާނެ،" ގާސިމު ވިދާޅުވިއެވެ.
"ސަރުކާރޭ ބުނީމަ އަހަރެން ތުރުތުރު އަޅާނެތަ، ސަރުކާރުގައި ތިބީ ކޮން ބައެއްތަ، ކޯއްޗެއް އެނގޭ ބައެއްތަ ތިބީ، ސަރުކާރުގައި ވަކި ތިބީ އަހަރެންނަށް ނޭނގޭ ވަކި ކޯއްޗެއް އެނގޭ ބައެއްތަ،" ރުޅިގަދަވެ ގާސިމު ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓޫރިޒަމް ޓެކްސްއާއި ޖީއެސްޓީ ބޮޑުކުރުމާއި މިނިމަމް ވޭޖު ކަނޑައެޅުމާމެދުވެސް ގާސިމު ދެކޮޅު ހެއްދެވިއެވެ. އެކަން ފާހަގަކުރައްވައި ގާސިމު މިއަދު ވިދާޅުވީ، އެ ސަރުކާރުން ޓަސްލާފައި ޓެކްސްތައް ބޮޑުކުރުމުން މިހާރު ވިޔަފާރިވެރިން ތިބީ އިނދަޖެހިފައި ކަމަށެވެ.
އަޒާނަށް އިތުރަށް ރައްދު ދެއްވައި ގާސިމު ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވިޔަސް ސަރުކާރުން ފޮނުވާހާ އެއްޗެއް، އެ ފޮނުވާ ގޮތަކަށް ފާސްކުރާކަށް ނުޖެހޭ ކަމަށެވެ. ސަރުކާރު ޒިންމާދާރު ކުރުވަންވެސް މަސައްކަތް ކުރަންޖެހޭ ކަމަށާއި މަޖިލިސް މެންބަރުން ހުވާކުރީ ގައުމަށް އިހުލާސްތެރިކަން އަދާކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"މިވަރު ކަމެއް ކޮށްފިއްޔާ ރައްޔިތުން ނުކުމެ މި ސަރުކާރު ނަގާ އެއްލައިވެސް ލައިފާނެ، އަހަރެމެން މި ތިބީ މި ސަރުކާރު ހިފަހައްޓައި ދޭން، އިހުލާސްތެރި ލަފާ ދޭން،" ގާސިމު ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ލޯބީގެ ކަތުރަކުން ބަޔަކު ގާނޫނެއް ހަދާ ފޮނުވީމައި މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ލޯބީގެ ކަތުރަކުން ކަފާ ނިންމާލާކަށް،" ކޮމިޓީގެ މިއަދުގެ ބައްދަލުވުން ބޮއިކޮޓް ކުރައްވައި ނުކުންނަވަމުން ގާސިމު ވިދާޅުވިއެވެ.
ގާސިމުގެ އެ ވިސްނުމަށް އެމްއެންޕީގެ ރައީސް އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމު ތާއީދު ކުރެއްވިއެވެ. އެ މައްސަލައިގައި ގާސިމު ރުޅިގަދަވެގެން ކޮމިޓީ ދޫކުރައްވައި ވަޑައިގަތުމުން ކޯރަމް ގެއްލިގެން މިއަދުގެ ބައްދަލުވުން ޖެހުނީ ނިންމާލާށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު