ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެއްޓެވި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކުރަމުން އަންނަ ފްލެޓްތައް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ހަވާލުކޮށް ނިންމާލައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މިހެން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ލަސްވި ސަބަބު މަޖިލީހާ ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ބޭފުޅުން ސަރުކާރާ ހަވާލުވިއިރު، ހުޅުމާލެ ފޭސް ދޭކުން 4000 ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް އޭސިސީން އޮތީ ހުއްޓުވާފައި ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާގޮތުގައި ކުރީގެ ސަރުކާރުގައި އެކަން އަލުން މުރާޖައާކުރަން ދެ ފަހަރެއްގެމަތިން އޭސީސީން ވަނީ ސިޓީ ފޮނުވައިފަ، ނަމަވެސް އެ މަސައްކަތް ހުއްޓައިލުމަށް އޭސީސީން ސިޓީ ފޮނުވީ 16 ނޮވެމްބަރުގައި، އަޅުގަނޑުމެން ވެރިކަމަށް އައިސް އެއްވެސް މަސައްކަތެއް ނުކުރެވި ތިބީ، އެއީ އޭސީސީ އަށް 7000 އަށްވުރެގިނަ މީހުން ހުށަހެޅި ޝަކުވާތަކާގުޅިގެން،"

އެހެންކަމުން އޭސީސީން އެމައްސަލަ ތަހުގީގުކޮށް އެ މަސައްކަތް މިނިސްޓްރީއާ ހަވާލު ކުރަންދެން މަސައްކަތްނުކޮށް ތިބެން ޖެހުނީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭސީސީން އެ މައްސަލަ ބެލުމަށްފަހު، 14 ފެބްރުއަރީގައި އެ މަސައްކަތް މިނިސްޓްރީއާ ހަވާކުކުރިއިރު ބައެއްކަންކަން މިނިސްޓްރީއަށް ލާޒިމްކޮށްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ހިމެނެނީ އުސޫލާ އެއްގޮތަށް ޕޮއިންޓް ލިބިފައިވާ ފޯމުތަކަށް ބަދަލު ނާންގޮތަށް ކަށަވަރުކޮށް، ދެން މައްސަލަހުރި ފޯމުތައް އަލުން މުރާޖައާކުރުމާއި އެކަން ކުރުމުގައި އެއްމިންގަނޑަކަށް އަމަލު ކުރުމަށާއި އެކަން ކަށަވަރުކުރުން، ފޯމުތައް އަލުން މުރާޖައާ ކުރުމުގެކުރިން އުސޫލުގައި ވަކިގޮތެއް ކަނޑައެޅިގެން ލިޔެފައިނުވާ ކަންކަމާމެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅައި އެކަން އާއްމު ކުރުމަށާއި އެކަމުގައި އެންމެންގެ މެދުގައި ހަމަހަމަކަން ކަށަވަރު ކުރުމަށާއި، އެކަންކަން ތަންފީޒު ކުރުމުގަ، އެންމެންގެ މެދުގައި އެއްމިންގަނޑަކުން އަމަކުކުރުން، އެގޮތުން 15 އަހަރު މާލޭގައި ދިރިއުޅެފައިވާކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިއުންތަކާމެދު އަމަލުކުރާނެގޮތެއް ކަނޑައަޅައި އެކަން އާއްމުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަންތައްތައް ރަނގަޅު ކުރުމަށް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، މިނިވަން ކޮމިޓީއެއް އެކުލަވާލައިގެން، ފްލެޓް ދިނުމާބެހޭ އުސޫލުތައް ކަނޑައެޅުމަށް އެ ކޮމިޓީގެ ލަފާ ހޯއްދަވާފައިވާ ކަމަށެވެ. ހަމަ އެއާއެކު މާލޭ ސިޓީ ކައުންސިލްގެ މެންބަރުން ހިމެނޭ ކޮމިޓީއެއް އެކުލަވާލައި ފްލެޓްތަކުގެ މައްސަލައިގައި އެ ކޮމިޓީއާ މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިމަހު މެދު ތެރޭގައި މިތަނުގެ މަސައްކަތް މުރާޖައާ ކުރުމުގެ މަސައްކަތް ފެށިގެންދާނެ، ދިއުމާއެކު އެންމެ ހައްގުވާ 4000 ފަރާތައް ފްލެޓްތައް ހަވާލުކުރުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލާނަން،" އޭނާ ވިދާޅުވިއެވެ.