ބިން ވެރިޔާ ސްކީމުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތި ތަކުގެ ތެރެއިން ހުޅުމާލެ ފޭސް ދެއަކުން ދޫކޮށްފައިވާ ހުރިހާ ގޯއްޗެއް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެ ސްކީމުގެ ދަށުން ފޭސް އެކެއްގެ އިތުރުން ފޭސް ތިނަކުންވެސް ގޯތި ދޫކޮށްފައިވާ ކަމަށެވެ.
ހުޅުމާލެ ފޭސް ދޭކުން ދޭން ޖެހެނީ 1407 ގޯތި ކަމަށާއި އޭގެ ތެރެއިން 623 ގޯތި މިހާރުވެސް ދޫކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ފޭސް ދޭކުން ބައެއް ގޯތި ދީފައި ހުރީ، ކުންފުނީގެ މަސައްކަތްތަކަށް ސާމާނު ބަހައްޓާ ސައިޓް ތަކުންނާއި ބައެއް މަގުތަކުންނާއި ގޯޅިތަކުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއް ގޯތިތައް ހުރީ ކަރަންޓް ނަރުތަކާއި ކަރަންޓް ފޮށިތައް ގޯތި ތެރެއަށް ވާގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ ގޯތިތަކަކީ، މީހުނަށް ދިރިއުޅެން ކަމުދާ ތަންތަނަށް ހެދުމަށްޓަކައި، އެ ސަރަހައްދުތަކުގައި ހުރި ފަސްފުނިތައް ނަގައި، ކަރަންޓް ފޮށިތައް ދުރުކޮށް، ބިންސާފުކޮށް، ރައްޔިތުންނާ ގޯތި ހަވާލު ކުރެވޭގޮތަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ދެން ފޭސް އެކަކުން ދޫކުރަން ހުރި ހުރިހާ ގޯތިތައް އޮކްޓޫބަރު މަހުގެ ނިޔަލަށް ދީ ނިންމައިލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު