ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވޮލީ ކޯޓުގައި އިއްޔެ ފެށި މާކެންޓައިލް އޮފީސް-ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުޅުނު މެޗުތަކުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި އެޗްޑީސީން ކާމިޔާބު ކޮށްފިއެވެ.
މިއަހަރުގެ އޮފީސް/ ކޮމްޕެނީ ވޮލީ މުބާރާތުގެ ފިރިގެން ޑިވިޝަނުގައި ޖުމުލަ ފަސް ޓީމަކުން ވާދަކުރަމުންދާ އިރު، ޓީމުތައް ފެންނަނީ ވަރުގަދަ ކޮށެވެ. ލީގު ބުރެއް ނިންމައި، އެއްވަނައިގައި އޮންނަ ޓީމު ސީދާ ފައިނަލަށް ދާ ގޮތަށް މުބާރާތް ރާވާފައިވާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ އާއި ތިންވަނަ ޓީމު ކުރިމަތިލާ ސެމީ ފައިނަލް މެޗަން މޮޅުވާ ޓީމެވެ.
މުބާރާތުގައި ބައިވެރިވެފައިވަނީ އެމްއެންޑީއެފް އާއި އެޗްޑީސީގެ އިތުރުން ސްޓެލްކޯ އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު އެމްއެންޑީއެފްއިން ނުކުތީ ސްޓެލްކޯއާ ދެކޮޅަށެވެ. އެމެޗު ފަސް ސެޓަށް ގޮސްގެން، 3-2 ސެޓުން މެޗު ކާމިޔާބުކުރީ އެމްއެންޑީއެފްއެވެ.
ސްޓެލްކޯއިން މެޗުގެ ފުރަތަމަ ސެޓު، 26-24 އިން ގެންދިޔަ އިރު، ދެވަނަ ސެޓު އެމްއެންޑީއެފްއިން ގެންދިޔައީ 25-21 އިންނެވެ. އަނެއްކާވެސް ދެން ކުޅުނު ސެޓު 28-26 އިން ސްޓެލްކޯ ގެންދިޔުމުން މެޗު އިތުރަށް ފޯރިގަދަވިއެވެ. ދެން ޖެހިގެން އައި ދެ ސެޓުގައި އެމްއެންޑީއެފްއިން ކުޅުން ރަނގަޅުކޮށް، ސެޓުތައް ގެންދިޔައީ 25-18 އަދި 15-12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އެމްއެންޑީއެފްގެ އާދަމް ނަސީމް (އެޑަމާ) އެވެ.
ރޭ ކުޅުނު މެޗުގައި އެޗްޑީސީ އާއި ޕޮލްކޯ ބަލިކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު އެޗްޑީސީން ފަސޭހަކަމާ އެކު 25-12 އިން ގެންދިޔަ ނަމަވެސް ދެން ޖެހިގެން އައި ސެޓު ޕޮލްކޯއިން 25-21 އިން ގެންދިޔައެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ޗެމްޕިއަން އެޗްޑީސީ ފެނުނީ މާ ވަރުގަދަކޮށެވެ. ދެން ކުޅުނު ދެ ސެޓު އެޓީމުން ވަނީ 25-19 އަދި 25-15 އިން ގެންގޮސްފައެވެ.
ލީގު ބުރުގެ ދެމެޗު މިއަދުވެސް އޮންނާނެއެވެ. ހަވީރު އޮންނަ މެޗުގައި އެމްއެންޑީއެފްއިން ވެމްކޯއާ ދެކޮޅަށް ނުކުންނަ އިރު، މިރޭ ސްޓެލްކޯ ނުކުންނާނީ ޕޮލްކޯއާ ދެކޮޅަށެވެ.
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން
ވޮލީބޯޅަ އެސޯސިއޭޝަން