ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަންނަ އަހަރުގެ މުބާރާތް، ސްޕޯޓްސް މިނިސްޓަރު އަބްފުﷲ ރާފިއު އިއްޔެ އިއުލާނުކޮށްދެއްވައިފިއެވެ.

އަންނަ އަހަރު ޖެނުއަރީ ހަތަރެއްގައި ފަށަން ނިންމާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް މިނިސްޓަރު ރާފިއު އިއުލާނުކޮށްދެއްވީ އެކަމަށްޓަކައި މިނިސްޓްރީގައި ބޭއްވި އިވެންޓެއްގައެވެ. މުބާރާތް މިނިސްޓަރު އިއުލާނުކޮށްދެއްވާފައިވާތީ މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ ވަނީ މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ހާއްސަ އިވެންޓްގައި މިނިސްޓަރު ރާފިއު ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބޭއްވޭ އެންމެ ވަރުގަދަ އެއް ކުޅިވަރު އިވެންޓްކަމަށާއި، އަތޮޅު ތެރޭގެ ރަށްތަކުން މުބާރާތުގައި ޝާމިލުވާ ޝާމިލުވުން ފާހަގަކުރައްވާ ކަމަށެވެ. ވަކީން ހާއްސަކޮށް މުބާރާތުގެ އިންތިޒާމުތަކުގެ ފުރިހަމަކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

"ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ވަރަށް ފޯރިއާއެކު ވަރަށް ވަރުގަދައަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެއް. އަދި ހާއްސަކޮށް ހުރިހާ އަތޮޅަކާއެކު މާލެ ސަރަހައްދުގެ ޓީމުތައްވެސް ހިމެނޭހެން، މުޅި ރާއްޖެވެސް ޝާމިލުވެގެން ކުރިއަށް ގެންދެވޭ މުބާރާތެއް. ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ވަރަށް ގިނަ ޒުވާނުންގެ، ވަރަށް ގިނަ ރަށްތަކެއް ޝާމިލުވެގެން ކުރިއަށް ގެންދެވޭ މުބާރާތަކަށްވާތީ އަޅުގަނޑުމެން މި މުބާރާތުގެ އޮގަނައިޒާސްއާ ވާހަކަ ދެއްކަމުން މިދަނީ ކުރިއަށްވުރެވެސް މުބާރާތް ފޯރިގަދަވާނެ ގޮތަކަށް އިންތިޒާމުކުރުމަށް. އިރާދަކުރެއްވިއްޔާ މިނިސްޓްރީގެ ފަރާތުން، މުބާރާތް ކުރިއަށް ގެންދަން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ލިބިގެންދާނެ،" މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ރާފިއު ވިދާޅުވީ މުބާރާތުގެ ތެރެއިން ކުޅުންތެރިންގެ ޑިސިޕްލިން ހިފަހައްޓައި، އަބަދުވެސް ފުރިހަމަކަމާއެކު މުބާރާތް ކުރިއަށް ގެންދެވުން އެއީ އުފަލެއް ކަމަށެވެ. އެއް އަހަރުން އަނެއް އަހަރަށް ކުޅުންތެރިންގެ އަހުލާގުން ހެޔޮ ބަދަލު ފެންނަ ކަމަށާއި، ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައި ވަނީ ރާއްޖެއަށް ލިބިގެންދާ ބޮޑު އުފާވެރިކަމަކަށް ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކަމާއެކު ނިންމާލާފައިވާ އިރު، މުބާރާތުގެ ފައިނަލް މެޗަކީ ރެކޯޑް އަދަދަކަށް މެޗު ބަލަން ސަޕޯޓަރުން ހާޒިރުވި މެޗެކެވެ. އެ މެޗުގައި 2023 ވަނަ އަހަރު ޗެމްޕިއަން ލ. ގަން ބަލިކޮށް، ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދީ، ބ. އޭދަފުއްޓެވެ. އަންނަ އަހަރުގެ މުބާރާތަށް ތައްޔާރުވާ އިރު، މިއަހަރުގެ ފައިނަލް މެޗު ފެށުނީއްސުރެ ނިމެންދެން ލ. ގަން އަދި ބ. އޭދަފުށި ސަޕޯޓަރުންގެ ފަރާތުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ދިން ސަޕޯޓަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ޝުކުރު އަދާކޮށްފައިވެއެވެ. އަންނަ އަހަރުގެ މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ, މި އަހަރުގެ ޗެމްޕިއަން ބ. އޭދަފުށްޓާއި 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަމެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން މުބާރާތުގައި ޖުމުލަ 129 ޓީމަކުން ވާދަކުރާއިރު، 320 މެޗު ކުޅެފައިވެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މި އަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ އިތުރު މައުލޫމާތު ހޯދުމަށް 9994470 އަދި 9828868 އަކަށް ގުޅުން އެސޯސިއޭޝަނުން ވަނީ އެދިފައެވެ.