މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް 1.1 މިލިޔަން ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ މާލޭ ސިޓީ ކައުންސިލުން ރާއްޖެއަށް އިމްޕޯޓް ކޮށްފައިވާ މުދަލުގެ އިމްޕޯޓް ޑިއުޓީއަށް ދައްކަން ޖެހޭ ކަމަށްބުނާ 1.1 މިލިޔަން ރުފިޔާ ދެއްކުމަށް މާލޭސިޓީ ކައުންސިލަށް އެތައް ފަހަރެއްގެމަތިން އެންގިނަމަވެސް އެފައިސާ ދައްކާފައިނުވާ ކަމަށްބުނެ، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުން ކޮށްފައިވާ ދައުވާއެކެވެ.

މި މައްސަަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، މައްސަލައާ ގުޅިގެން ފާހަގަ ކުރެވުނު ނުކުތާތަކާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު، ކަސްޓަމްސްގެ ޑިކްލަރޭޝަން ފޯމުގެ ދަށުން މާލޭ ސިޓީ ކައުންސިލުން "ލޭންޑިން ކްރާފް އުފުލި5" ރާއްޖެއަށް އިމްޕޯޓް ކޮށްފައިވާ ކަމާއި، މި މުދަލުގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ކަސްޓަމްސްއަށް ދައްކަން ޖެހޭ 1.1 މިލިޔަން ރުފިޔާ ނުދައްކައި އޮތްކަން، ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް އެއްމަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ލިބިދިނުމުގެ ގޮތުން އެއްމަސްދުވަހުގެ ތެރޭގައި، އެފައިސާ ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.