މިފަހުގެ ތާރީހެއްގައި ފުޓުބޯޅައިން ފެނުނު އެންމެ ކާމިޔާބު އެއް ޑިފެންޑަރު، ޕޯޗުގަލްގެ ޕެޕޭ، ފުޓުބޯޅަ ހުއްޓާލައިފިއެވެ.

އުމުރުން 41 އަހަރުގެ ޕެޕޭ، ގައުމީ ޓީމުގެ އިތުރުން ކްލަބު ފުޓުބޯޅައިން ރިޓަޔާކުރިކަން އިއުލާނުކޮށްފައިވަނީ މިރޭ ޕޯސްޓްކުރި 33 މިނެޓުގެ ވަދާއީ މެސެޖަކާއެކުގައެވެ. ޕެޕޭގެ މެސެޖުގައި މައިގަނޑުކޮށް ފާހަގަކުރީ ކެރިއަރުގައި އެތައް ބަޔަކު އެހީތެރިވެދިން ކަމަށާއި، އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އަހަރެން ޝުކުރު އަދާކުރަން ބޭނުންވޭ އަހަންނަށް އިތުބާރުކުރި ހުރިހާ ކްލަބުތަކުގެ ރައީސުންނަށްވެސް. އެ ކްލަބުތަކުގެ ހުރިހާ އެންމެންނަށް، އެ ކްލަބުތަކުގެ ވަޒީފާ އަދާކުރި ހުރިހާ މުއައްޒަފުންނަށްވެސް އަހަރެން ވަރަށް އިހުލާސްތެރި ޝުކުރެއް އަދާކުރަން. އަދި ހާއްސަކޮށް ގައުމީ ޓީމުގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު އަދާކުރަން. އަދި ހާއްސަކޮށް، ކެރިއަރުގައި ހުރިހާ ގޮތަކުން ސަޕޯޓް ދިން ހުރިހާ ސަޕޯޓަރުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޕެޕޭގެ މެސެޖުގައިވެއެވެ.

ވަރުގަދަ ލީޑަރެއްގެ ގޮތުގައި ދަނޑުމަތިން ފެނިގެންދާ ޕެޕޭ ކެރިއަރުގައި ކުޅުނު އެންމެފަހު މެޗަކީ، މިދިޔަ ޔޫރޯ 2024 ގައި ޕޯޗުގަލުން ކުޅުނު ކުއާޓާ ފައިނަލް މެޗެވެ. އެ މެޗުގައި ޕޯޗުގަލުން ފްރާންސް ކައިރިން ޕެނަލްޓީ ޖަހައިގެން ބަލިވެފައިވާ އިރު، ޕެޕޭ ވެފައިވަނީ މިހާތަނަށް ޔޫރޯ މުބާރާތެއްގައި ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.

ޕެޕޭ 2016 ވަނަ އަހަރުގެ ޔޫރޯ ޕޯޗުގަލްއާއެކު ހޯދާފައިވެއެވެ. އަދި ހާއްސަކޮށް އޭނާގެ ކްލަބު ކެރިއަރަކީ ތަފާތު ކާމިޔާބު ކެރިއަރެކެވެ. ކެރިއަރުގައި 878 މެޗު ކުޅެ، ޕެޕޭ ވަނީ 37 ޓްރޮފީ ހޯދައިފައެވެ. ކްލަބު ކެރިއަރުގެ ބޮޑު ބައެއްގައި އޭނާ ހޭދަކުރީ ރެއާލް މެޑްރިޑްގައެވެ. އެއީ 10 އަހަރު ދުވަހުގެ މުއްދަތެއްގައެވެ. އެ ކްލަބާއެކު ޕެޕޭ ވަނީ ތިން ޗެމްޕިއަންސް ލީގާއި ތިން ލަލީގާވެސް ކާމިޔާބުކޮށްފައެވެ.

ޕޯޓޯއާއި ބެސިކްޓަސްއާއި މަރިޓީމޯއަށް ޕެޕޭ ކުޅެފައިވާ އިރު، ގައުމީ ޓީމަށް 141 މެޗު ކުޅެފައިވެއެވެ.