ސަރުކާރަށް އެހީތެރިވެގެން ވިޔަސް، އަނދިރި އަނދަވަޅަކަށް ރާއްޖެ ވެއްޓުނަ ނުދޭން މަސައްކަތްކުރަން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ކަންްކަން ރަނގަޅުކުރުމަށް ސަރުކާރަށް ޖާގަ ދެވިފައިވާ ކަމަށާއި ނަމަވެސް ތާއަބަދު އެހެން ތިބުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިއަދު މިކަންކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް، މި ގައުމު ހަމަ މަގަށް އެޅުވުމާއި ސަރުކާރަށް އެހީތެރިވެގެން ވެސް މި ގައުމު ކަޅު އަނދިރި އަނދަވަޅަކަށް ވެއްޓުނަ ނުދޭން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އިގުތިސާދުގެ ވާހަކަ ވަރަށް ގިނައިން އެކި ގޮތްގޮތަށް ރާއްޖޭގައި އެބަ ދެކެވޭ ކަމަށާއި ފެނިގެން މިދަނީ ސަރުކާރަށް ރާއްޖޭގެ އިގުތިސާދު މެނޭޖުކުރަން ނޭނގުމުގެ ސަބަބުން މުޅި ގައުމު ނުރައްކާތެރި ދިމާލަކަށް ދާތަން ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް އެއްވެސް ކަހަލަ ވިސްނުމެއް، ގާބިލުކަމެއް ސަރުކާރުގެ މިވީ ނުވަ މަސްދުވަހުގެ ތެރޭގައި ދެއްކިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންނަށް އަދި އިންވެސްޓަރުންނަށް ކޮންފިޑެންސް ލިބޭނެ އެއްވެސް ކަހަލަ މަގެއް ދެއްކުނު ތަނެއް އަދި އަޅުގަނޑުމެންނަށް ފެންނާކަށް ނެތް. މިކަންކަމަކީ ވަރަށް ނުބައި ސިގްނަލެއް ދިވެހިރާއްޖޭގައި އެޅެމުން މިދަނީ. އަޅުގަނޑުމެންނަކީ އަބަދުވެސް މިކަހަލަ ކަންކަމުގައި ބަސް ކިޔައި، ބަސް އިއްވާ ޕާޓީއެއް،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ މުޅި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހިފަހައްޓައި ދެމެހެއްޓުމަށް ރައްޔިތުންގެ ބާރުވެރިކަން މި ގައުމުގައި ގާއިމުވެ އޮތުމަށް ބޭނުންވާ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމުގެ މަސައްކަތެއް މިއަދުގެ ސަރުކާރުން ފަށައިގެންދާ ތަން ފެންނަ ކަމަށާއި އެއީ ވަރަށް ބިރުވެރި ސިގްނަލެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު