އޭނާގެ މުޅި ސިޔާސީ ހަޔާތުގައި ހިދުމަތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށާއި ނަމަވެސް ޔާމީން ވަނީ އެކަންކަން ބަލައިނުގަނެ އޭނާއަށް ލަގާ ދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އޭނާ މެލޭޝިއާގައި ހުންނަވަނިކޮށް، ޔާމީން ވަނީ ފޯނުން ގުޅުއްވައި ޕީޕީއެމް/ޕީއެންސީއާ ހަވާލުވުމަށް އެދިވަޑައިގެންފައި ކަމަށެވެ. އެގޮތަށް ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނު ޖަލަށް ދާން ޖެހިވަޑައިގެންފާނެތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެފަހުން ޖަލުން މިނިވަންވެވަޑައިގެން ބޭއްވި ފުރަތަމަ ޖަލްސާގައި ޔާމީން ވަނީ އޭނާއަށް ތައުރީފު ކުރައްވައި ގާބިލުކަމާއި ކުޅަދާނަކަމާއި ވަފާތެރިކަމާ މެދު ތައުރީފު ކުރައްވާފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ނަމަވެސް މިއަދު ޔާމީންގެ އެ ވާހަކަތައް ބަދަލުވެ، އޭނާގެ ވަރުގެ ނާގާބިލު މީހެއް ނެތް ކަމަށް ވިދާޅުވަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސްކަން އޭނާއަށް ލިބިވަޑައިގެންނެވީ ފިނި ކޮޓަރީގައި ހުންނެވުމުގެ ސަބަބުން ނޫން ކަމަށާއި އެއީ ވާރުތަ ވެގެން ލިބުނު މަގާމެއް ވެސް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސްގެ މަގާމަށް އައިސްފައިވަނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު 30 އަހަރު ގާތްގަނޑަކަށް އަޅުގަނޑުގެ މުޅި ސިޔާސީ ހަޔާތުގަ ހިދުމަތްކުރީ ރައީސް ޔާމީނަށް. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިނީ ލަގާ އަޅުގަނޑަށް، އަމިއްލަފުޅަށް އަޅުގަނޑުގެ ނަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހުށަހަޅާފަ ފޭލިކޮށްލީ ރައީސް ޔާމީން. އެއީ ހިޔާނާތްތެރިންނަކީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީނަކީ މީހުން ކޮށްދެއްވާ ހިދުމަތްތަކުގެ އަގުވަޒަންކުރަން ނުދަންނަ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ވަރުގަދަ ސިޔާސީ ބޭފުޅުންނަކީ ދެ އަނގައިން ވާހަކަދައްކަވާ ބައެއް ނޫން ކަމަށެވެ. ރައްޔިތުންގެ ކުރިމަތީގައި ޔާމީންގެ އަގު ވެއްޓިގެންދަނީ އެއްފަހަރު ދައްކާ ވާހަކަ އަނެއްފަހަރާ ދިމާނުވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ފިކުރުގަ މަސައްކަތް ފެއްޓީ ރައީސް ޔާމީނާއެކީގަ ޑީއާރުޕީގަ. މި ރާއްޖޭގަ އެއިރުގަ މައުމޫނަށްވުރެ ތާއިދު އޮތް ބޭފުޅަކު ނެތޭ ޑީއާރުޕީ އުފެދިގެން އައިއިރު. އެކަމަކު ކިހިނެއްތޯވީ އަޅުގަނޑުމެން ދޫކުރައްވާފަ މި ފިކުރާ ދުރަށް ވަޑައިގަތީމަ އެ ހުރިހާ ތާއީދެއް ދިޔައީ. ރައީސް ނަޝީދަށް ވެސް ކިހިނެއްތޯވީ އެމްޑީޕީ ދޫކޮށް ވަޑައިގަތީމަ. ރައީސް ޔާމީނަށް ވެސް ވާނީ އެހެން. ފިކުރުގެ ފަހަތުން ރައްޔިތުން ދާނީ. މީހާގެ ފަހަތަކުން ނުދާނެ ރައްޔިތުންނެއް މި ޒަމާނަކު، އެއަށްވުރެ މާ ހޭލުންތެރިވެއްޖެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ތިންވަނަ ފިކުރެއް ރާއްޖޭގައި ނުއުފެއްދޭނެ ކަމަށެވެ.