ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި ގައުމުވެސް ދޫކުރައްވައި ޝައިޚު ހަސީނާ ފުރާވަޑައިގެންނެވިތާ އިރުކޮޅެއްގެ ތެރޭގައި އެގައުމުގެ އެންމެ ބޮޑު އިދިކޮޅު ލީޑަރު ބޭގަމް ޚާލިދާ ޒިޔާ ވަނީ ޖަލުން މިނިވަން ކުރެވިފައެވެ. ބޭގަމް ޚާލިދާ ޒިޔާ މިނިވަންކުރަން އަންގަވައި ހޯމަދުވަހު އެކަން އިއުލާން ކުރެއްވީ ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝިހާބުއްދީނެވެ. ރައީސްގެ އޮފީހުން ބުނެފައިވަނީ ބޭގަމް ޚާލިދާ ޒިޔާ މިނިވަންކުރުމުގެ ނިންމުމަކީ ސިފައިންގެ ވެރިޔާ ޖެނެރަލް ވަގާރުއްޒަމާނާއި ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް މުހައްމަދު ނަޖްމުލް ހަސަނާއި ވައިގެ ސިފައިންގެ ވެރިޔާ އެއަރ ޗީފް މާޝަލް ހަސަން މަހުމޫދު ޚާނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލު ކުރެެއްވުމުގައި އެންމެންގެ އިއްތިފާގުން އެއްބަސްވެގެން ނިންމާފައިވާ ނިންމުމެއް ކަމުގައެވެ. އެންމެނަށްވެސް އެއްބަސްވެވުނީ ވަގުތުން ވަގުތަށް އެކަމަނާ މިނިވަންކުރުމަށް ކަމުގައެވެ.
ރައީސާއެކު މި ބައްދަލުވުމުގައި ބައިވެރިވި ޕާޓީތަކުގެ ތެރޭގައި ބީއެންޕީ އާއި ޖަމާއަތު އިސްލާމީ ހިމެނެއެވެ. ބޭގަމް ޚާލިދާ ޒިޔާއަކީ ބަންގްލަދޭޝް ނެޝަނަލް ޕާޓީ، ބީއެންޕީގެ ޗެއަރ ޕާރސަނެވެ. އެކަމަނާއަށް ސަތާރަ އަހަރުގެ ޖަލު ހުކުމެއް އިއްވައި ޖަލަށް ލެވުނީ 2018 ގައެވެ. ކޮރަޕްޝަނުގެ ތުހުމަތުގައެވެ. ބޭގަމް ޚާލިދާއަކީ ބަންގްލަދޭޝްގެ ތާރީޚުގައި ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އެކަމަނާ އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ 1991 ވަނަ އަހަރުން 1996 އަށެވެ. އެކަމަނާ ހިމެނުނީ އިސްލާމީ ގައުމެއްގައި ވެރިކަން ކުރެއްވި ދެވަނަ އަންހެން ބޮޑުވަޒީރުކަމުގައެވެ. ފުރަތަމަ ބޭފުޅަކީ ޕާކިސްތާނުގެ ބޭނަޒީރު ބުއްޓޫއެވެ. ޚާލިދާ ޒިޔާގެ ފުރަތަމަ ދައުރުނިމި ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް 2001 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރަށް އެކަމަނާ ވަނީ ބޮޑުވަޒީރުކަން ކުރައްވައިފައެވެ. ޚާލިދާ ޒިޔާގެ ދެވަނަ ދައުރު ނިމުމާއެކު އެކަމަނާއަށް ހުރިހާ ބާވަތެއްގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.
ސިޔާސީ ހަމަނުޖެހުންތަކާހެދި އެފަހަރުގެ އިންތިޚާބުވެސް ފަސްކުރެވުނެވެ. ސިފައިން ވެރިކަމާ ހަވާލުވިއެވެ. މުޅި ގައުމުގައި ތަޅާފޮޅުންތައް ހިނގިއެވެ. އަސްކަރިއްޔާގެ ވެރިން އިސްވެ އުފެއްދި ވަގުތީ ސަރުކާރުން ޚާލިދާޔާއި އެކަމަނާގެ ދެ ދަރިކަލަކު ހައްޔަރުކުރިއެވެ. އެކަމަކު ބޮޑު ހުކުމެއް އިއްވައި އެކަމަނާގެ ސިޔާސީ ކެރިއަރު ނިންމައިލުމަށް 2018 ގައި ކުރެެއްވި ކަމެއް ކުރެެއްވީ ބޮޑުވަޒީރު ކަމުގައި ހުންނަވައިގެން ޝައިޚު ހަސީނާއެވެ. ބޭގަމް ޚާލިދާގެ އުމުރުފުޅަކީ މިހާރު 78 އަހަރެވެ. އެކަމަނާގެ ސިއްހީ ހާލުކޮޅު ވަރަށް ގޯހެވެ. ފާއިތުވި ދެއަހަރު އެކަމަނާ އޮންނެވީވެސް ހަސްފަތާލުގައެވެ. އިތުރު ފަރުވާއަށް ގައުމުން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަވެސް ހަސީނާގެ ސަރުކާރުން ވަނީ ނުދީފައެވެ. ބޭގަމް ޚާލިދާޔާ ދޭތެރޭ ހަސީނާގެ ސަރުކާރުން ކަންތައްކުރާ ގޮތާމެދު ހިތްހަމަނުޖެހިގެން އިހުތިޖާޖު ކުރުމަށްޓަކައި ބީއެންޕީ ވަނީ އެންމެފަހުގެ އާއްމު އިންތިޚާބު ބޯއިކޮޓްވެސް ކޮށްފައެވެ.
ބަންގްލަދޭޝްގެ އަސްކަރީ ޚުދުމުޚުތާރު ވެރިޔާ ޖެނެރަލް ހުސައިން މުހައްމަދު އިރުޝާދުގެ ވެރިކަން 1990 ވަނަ އަހަރު ނިމުނު ހިސާބުން ފެށިގެން ބަންގްލަދޭޝްގެ ސިޔާސީ މަސްރަހުގެ ބޮޑު ދެބާރަކީ ބޭގަމް ޚާލިދާ ޒިޔާ އާއި ޝައިޚް ހަސީނާއެވެ. އިންތިޚާބެއް ބާއްވައިފިއްޔާ އަބަދުވެސް ކުރި ހޯއްދަވަނީ މި ދެ އަންހެން ބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅެކެވެ. ފާއިތުވި ފަނަރަ އަހަރުގެ ތެރޭގައި މުޅިންވެސް ހަސީނާއެވެ. ޚާލިދާގެ ވެރިކަމުގައި ހަސީނާ ހުންނަވަނީ ޖަލުގައެވެ. ހަސީނާގެ ވެރިކަމުގައި ޚާލިދާ ހުންނަވަނީ ޖަލުގައެވެ. ކަންކަން ހިނގަމުން އައީ މިޒާތަކަށެވެ. ޝައިޚް ހަސީނާއަށް ސިޔާސީ ލީޑަރަކަށް ވެވުނީ އެކަމަނާގެ ބައްޕާފުޅު ޝައިޚު މުޖީބުއްރަހުމާނުގެ ސަބަބުންނެވެ. މުޖީބަކީ ބަންގްލަދޭޝް މިނިވަން ވުމަށްފަހު އެންމެ ފުރަތަމަ ލީޑަރެވެ. ވެރިޔާއެވެ. ވެެރިކަމުގައި ހުންނަވަނިކޮށް މުޖީބު އަވަހާރަކޮށްލެވުނީ 1975 ގައެވެ.
އެ ޕާޓީއެއްގެ ވެރިކަން ޝައިޚު ހަސީނާ ކުރައްވަމުން ގެންދަވާ އަވާމީ ލީގު ޕާޓީއަކީ މުޖީބު އުފެއްދެވި އޭނާގެ ޕާޓީއެވެ. އެގޮތުން އާއިލާގެ ތެރޭގައި ޕާޓީގެ ޒައާމަތު ދެމިއޮންނަނީއެވެ. ހަސީނާއެކޭ އެއްފަދައިން ބޭގަމް ޚާލިދާއަށްވެސް ސިޔާސީ ދާއިރާއަށް ނިކުންނެވުނީ އާއިލާގެ ސަބަބުންނެވެ. ޚާލިދާގެ ފިރިކަލުން ޖެނެރަލް ޒިޔާއުއްރަހުމާނަކީ ކުރިން ސިފައިންގެ ވެރިޔާއެވެ. ފަހުން ގައުމުގެ ވެރިޔާއެވެ. ރައީސެވެ. ވެެރިކަމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލެވުނީ 1981 ގައެވެ. ސިޔާސީ ހަރަކާތަށް ޚާލިދާ ނުކުމެވަޑައިގަތީ އެހިސާބުންނެވެ. އެ ޕާޓީއެއްގެ ވެރިކަން ބޭގަމް ޚާލިދާ ޒިއާ ކުރައްވަމުން ގެންދަވާ ބީއެންޕީއަކީ އެކަމަނާގެ ފިރިކަލުން ޒިޔާއުއްރަހުމާން 1978 ގައި އުފެއްދެވި ޕާޓީއެކެވެ. އެހެންވީމާ އަވާމީ ލީގެކޭ އެއްގޮތަށް ބީއެންޕީއަކީވެސް އާއިލީ ތަރިކައެކެވެ. ޕާޓީގެ ޒައާމަތު އާއިލާއިން ބޭރުވިޔަކަ ނުދެއެވެ. ޚާލިދާ ޖަލުގައި ހުންނަވާއިރު ޕާޓީ ހިންގަވަނީ އެކަމަނާ އެކަމަށްޓަކައި ވަގުތީގޮތުން އައްޔަން ކުރައްވާ ބޭފުޅެކެވެ.
ކޮންމެއަކަސް ބޭގަމް ޚާލިދާ މިހާރު އެ ހުންނެވީ މިނިވަންވެފައެވެ. އެކަމަނާގެ ޒަމާންވީ ވާދަވެރިޔާ ޝައިޚު ހަސީނާގެ ވެރިކަން އެވަނީ ނިމިފައެވެ. ބޭގަމް ޚާލިދާ އަލުން ވެރިކަމަށް ވަޑައިގަތުމަށް މިހިސާބުން މަގުފަހިވީ ހެއްޔެވެ. ނޫނެކެވެ. އަލުން ވެރިކަން ކުރެއްވޭ ކަހަލަ ސިއްހަތެއް ނެތެވެ. ޚާލިދާގެ ބީއެންޕީ ފަސޭހަކަމާއެކު އިންތިޚާބު ކާމިޔާބުކުރުން އެކަށީގެންވެއެވެ. އެހެންވިޔަސް ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނީ ޚާލިދާއެއް ނޫނެވެ. އެކަމަނާގެ ދަރިކަލުން ތާރިގުއްރަހުމާނެވެ. ޚާލިދާ މިނިވަންކުރުމުގެ ނިންމުން ރައީސް މުހައްމަދު ޝިހާބުއްދީނާ ގުޅިފައިވިޔަސް ހަގީގަތުގައި މިއީ ސިފައިންގެ ވެރިޔާ ޖެނެރަލް ވަގާރުއްޒަމާނުގެ ނިންމެވުމެކެވެ. ރައީސްގެ މަގާމަކީ ރަމްޒީ މަގާމެކެވެ. ރައީސް ޝިހާބުއްދީނަކީ ހަސީނާގެ އަވާމީ ލީގުގެ މެންބަރެކެވެ. ހުސްވި 2023 ވަނަ އަހަރު އެމަގާމަށް އޭނާ ގެނައީވެސް އަވާމީ ލީގުންނެވެ. އެހެންވީމާ ޚާލިދާޔާ ދޭތެރޭ އޭނާގެ ކުލުނެއް އޮތުން ކައިރިއެއް ނޫނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ