ސަރުކާރާ ހަވާލުވިއިރު ބޭހާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެއްޗަށް، އެސްޓީއޯއަށް 300 މިލިޔަން ރުފިޔާ ދައްކަންއޮތް ކަމަށާއި، އޭގެ ބޮޑުބައެއް މިހާރު ސަރުކާރުން ދައްކާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބުދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
ހަލީލު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޒާކިރު ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ކޮންސިއުނަބަލްސްއާއި ފާމަސީތަކަށް ބޭނުންވާ އެންމެ އާދައިގެ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ކުރަމުންދާ ކަމަށާއި އެހެންވެ އެ ކަންތައްތައް ހައްލުކުރުމަށް ކުރައްވަނީ ކޮންކަމެއްތޯއެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ، އެ ތަކެތި ހޮސްޕިޓަލްތަކާއި ސިއްހީ ފަރުވާދޭ ތަންތަނުގައި ހުސްވުމަކީ އަބަދުވެސް ދިމާވާ ކަމެއް ކަމަށެވެ. އެހެންކަމުން އެސްޓީއޯއާ ވާހަކަދައްކައިގެން އެ ތަންތަނުން އެ ތަކެތި ހުސްނުވާނެ ގޮތަކަށް ކަންކަން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
ހަލީލު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެސްޓީއޯ އިން ފޯރުކޮށްދީފައިވާ ތަކެއްޗަށް ދައުލަތުން 300 މިލިއަން ރުފިޔާ ދައްކަން އޮތް ކަމަށެވެ. ނަމަވެސް މިހާރު އޭގެން ބޮޑުބައެއް އެސްޓީއޯއަށް ދައްކާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހެލްތް ދާއިރާގެ ތަންތަނަށް ތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯއަށް ފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"އެ ކަންތަކަށް އެކަށީގެންވާ ހައްލެއް ކައިރި މުސްތަގުބަލެއްގައި ލިބޭނެ، މީގެ އިތުރުން ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ މީހުންވެސް އެބަ އުޅޭ، އެ މީހުންނާވެސް ވާހަކަދައްކައިގެން ސޮފްޓްވެއާއެއް އެބަ ގާއިމުކުރަން، އެ ސޮފްޓްވެއާ އިން އެނގިގެންދާނެ ރަށްރަށުގައި އެ ތަކެތި ހުރި އަދަދުތަަކަކީ ކޮބައިތޯ. އޭރުން މޮނިޓާ ކުރެވިގެންދާނެ ރަށްރަށުގައި މަދުވަނީ ކޮން ބާވަތްތަކެއްތޯ ފޮނުވަންޖެހެނީ ކޮން ބާވަތްތަކެއްތޯ،" ހަލީލު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު