ކިލިއަން އެމްބާޕޭ ޓީމާ ގުޅުނަސް، އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކުޅެމުން އަންނަ އެޓޭކިން ރޯލަށް ބަދަލެއް ނާއްނާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު، ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
އުމުރުން 25 އަހަރުގެ ސުޕަ ސްޓާރު އެމްބާޕޭ ރެއާލާ ގުޅުނީ ކުރިއަށް އޮތް ސީޒަނަށެވެ. ޕީއެސްޖީން އެމްބާޕޭ ރެއާލާ ގުޅިފައި ވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. އެއީ އެ ކްލަބުން ހުށަހެޅި އާ އެއްބަސްވުމުގައި ސޮއި ނުކުރުމުން، އެއްބަސްވުން ހަމަވިފަހުން އެމްބާޕޭ ރެއާލަށް ގޮސްފައިވާތީއެވެ. އެމްބާޕޭ ގެންދަން ރެއާލުން މީގެ ކުރިން ތަކުރާރުކޮށް ކުރި މަސައްކަތް ކާމިޔާބުނުވީ، ޕީއެސްޖީން ދޫ ނުދީގެންނެވެ. އެހެން ނަމަވެސް، މިހާރު ރެއާލުން ވަނީ އެޓީމަށް އެންމެ މުހިއްމު އެއް ޓްރާންސްފާ ފުރިހަމަކޮށް، އެމްބާޕޭ ރަސްމީކޮށް އިއުލާނުވެސް ކޮށްފައެވެ.
ރެއާލުން ޕްރި ސީޒަނުގައި ކުޅުނު ބައެއް މެޗުތަކަށް ބަލައި، ބައެއް ނޫސްތަކުން ބުނެފައިވަނީ އެމްބާޕޭ ގުޅުމާއެކު، ބެލިންހަމްއަށް އެޓޭކިން ރޯލު ގެއްލޭނެ ކަމަށެވެ. އެހެން ނަމަވެސް ކޯޗު އެންޗެލޮޓީ ވަނީ އެކަން ދޮގުކޮށްފައެވެ.
"އެއްވެސް ބަދަލެއް ނާންނާނެ ބެލިންހަމްގެ ރޯލަކަށް. ފުރަތަމަ ސީޒަނުގައި ބެލިންހަމް ދިނީ ސަޕްރައިޒެއް. އެއީ އޭނާގެ ފަރާތުން ފެނުނީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިއެއްގެ ކުޅުން ކަމަށްވެފައިވާ، ކޮލިޓީ ސާބިތުކޮށްދިނީމަ. އެ ރޯލަށް އެއްވެސް ތަފާތެއް ނައިސް ބެލިންހަމް އަންނަ ސީޒަނުގައިވެސް ފެންނާނެކަން ޔަގީން،" މިދިޔަ ސީޒަނުގައި ރެއާލާއެކު ލަލީގާއާއި ޗެމްޕިއަންސް ލީގު ހޯދި ކޯޗު ބުންޏެވެ.
އުމުރުން 21 އަހަރުގެ ބެލިންހަމް ރެއާލަށް ކުޅުނު ފުރަތަމަ ސީޒަނުގައިވެސް 42 މެޗުން 23 ގޯލު ޖަހާފައިވާ އިރު، އެންޗެލޮޓީ ބުނީ އަންނަ ސީޒަނުގައިވެސް ބެލިންހަމްގެ ފަރާތުން އެ ކުޅުން ފެންނާނެކަމަށް ޝައްކު ނުކުރާ ކަމަށެވެ. އޭގެ އިތުރުން އޭނާ ވަނީ ޔޫރޯ 2024 ގައި ބެލިންހަމްއަށް ކުރި ފާޑުކިޔުންތަކުގައި ދިފާއުގައިވެސް ވާހަކަ ދައްކާފައެވެ.
އެންޗެލޮޓީ ބުނެފައި ވަނީ ރެއާލްގެ ތާރީހުގައިވެސް ފެންނާނެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލިންހަމް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް