މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި ޗެލްސީގެ ކެޕްޓަންކަން ކުރަމުންދިޔަ އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ކޯނޯ ގަލެގާ، އެ ކްލަބު ދޫކޮށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ޗެލްސީގެ އިންގްލެންޑް މިޑްފީލްޑަރު ގަލެގާ ހޯދަން އެތުލެޓިކޯއިން ޗެލްސީއާ ވާހަކަ ދައްކަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ދެ ކްލަބުން މިހާތަނަށް 33 މިލިއަން ޕައުންޑްގެ އެއްބަސްވުމަކަށް އައިސްފައިވާ އިރު، އޭރު ސުވާލު އުފެދިފައި އޮތީ ޗެލްސީގެ އެކަޑެމީން ކްލަބުގެ ސީނިއާ ޓީމަށް ނުކުތް ގަލެގާ، އެ ކްލަބު ދޫކޮށްލާނެތޯ ކުރެވިފައި އޮތް ސުވާލެވެ.

އެ ސުވާލުގެ ޖަވާބު ގަލެގާ މިހާރު ދީފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އުމުރުން 24 އަހަރުގެ މިޑްފީލްޑަރު އެތުލެޓިކޯއިން ހުށަހެޅި ހުށަހެޅުންތަކަށް މިހާރު އާނބަސް ބުނެފައިވާ އިރު، އޭނާ މިއަދުގެ ވަގުތެއްގައި ސްޕެއިނަށް ދާނެ ކަމަށް ބެލެވެއެވެ.

ގަލަގޭ މިހާރު ޗެލްސީގައި 18 އަހަރު ހޭދަކޮށްފައިވެއެވެ. އޭނާ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް އިރު، ކްލަބުން ވަނީ އެއްބަސްވުން އާކުރަން ހުށަހަޅައިފައެވެ. އެ ހުށަހެޅުމަށް ގަލެގާ ހިތްހަމަ ނުޖެހުނީ އިތުރު ދެ އަހަރަށް އެއްބަސްވުން އާކުރާތީއާއި އަންނަ ސީޒަނުގައި އޭނާގެ ބޭނުން ނުކުރާނެ ކަމަށް ކޯޗު ބުނެފައިވާތީ ކަމަށް ނޫސްތައް ބުނެއެވެ.

އެގޮތުން އަލަށް ޗެލްސީއާ ހަވާލުވި ކޯޗު، އެންޒޯ މަރެސްކާގެ ފުޓުބޯޅަ ސްޓައިލަށް ގަލެގާ ފިޓް ނުވާތީ، ފުރަތަމަ 11 އިން ޖާގަ ގެއްލޭނެކަން މިހާރު އަންގާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ޗެލްސީން އެތުލެޓިކޯއަށް ގަލެގާ ވިއްކާލަން އެއްބަސްވީ، ވާދަވެރި ޕްރިމިއާ ލީގުގެ ކްލަބަކަށް ވިއްކާނުލުމަށެވެ.