ރާއްޖޭގެ ވަޒީފާތަކަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނީ 100،000 އާ ހަމައަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓް އުވާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާކޮށް ކޮމިޓީން ނިންމައި މިމަހު 13ގެ ކުރިން ފާސްކުރަން މަޖިލިސް ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.
އެ ކޮމިޓީން ބިލު ދިރާސާކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ އިރު، ބިލު ނިންމަންޖެހޭ ސުންގަޑިއެއްގެ ގޮތުގައި އެ ކޮމިޓީގައި އިންނަވާ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވީ މިމަހުގެ 13 ވަނަ ދުވަހެއެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.
ނާޒިމް އެގޮތަށް ސުންގަޑި ކަނޑައަޅަން ހުށަހެޅުއްވީ، ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހަކީ އެތައް ބަޔަކާ ގުޅުންހުރި އިސްލާހެއްކަން ފާހަގަކުރައްވައި، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ފާސްކުރުުމުގެ މުހިންމުކަމާ ބެހޭގޮތުން ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މިއަހަރުގެ ދެވަނަ ދައުރުގެ ގޮތުގައި މިހާރު ކުރިއަށްދާ ދައުރުގެ މަސައްކަތްތައް ނިމި މަޖިލިސް ޗުއްޓީއަށް ދާނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
ކޮމިޓީގައި އިންނެވި މިނިވަން މެންބަރު ތުޅާދޫ ދާއިރާގެ އަބްދުލްހައްނާން އަބޫބަކުރު ވިދާޅުވީ، އެ ބިލުގެ މަަސައްކަތް ކޮމިޓީން ކުރިއަށްގެންދާ އިރު، ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު އެ މީހުން ނިސްބަތްވާ ގައުމާ އެކު އެނގޭނެހެން ކޮމިޓީއަށް ލިބުމަކީ މުހިއްމުކަމެއް ކަމަށެވެ.
ހަންނާނުގެ ވާހަކަތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ބިލު ދިރާސާ ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ހޯދަން ކޮމިޓީން ނިންމާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ބިދޭސީންގެ އަދަދުތައް ހިމެނޭނެ ކަމަށެވެ.
މެންބަރު ނާޒިމް ވިދާޅުވީ، އެ ބިލަށް މައުލޫމާތު ހޯދުމަށްޓަކައި 12 ތަނެއް ޝޯޓްލިސްޓު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިމަހު 10 ވަނަ ދުވަހުގެ ކުރިން އެ މައުލޫމާތުތައް ކޮމިޓީއަށް ހޯދަން އޭނާ ހުށަހަޅުއްވައިގެން ކޮމިޓީން ފާސްކުރިއެވެ.
އެ ބައްދަލުވުމުގައި އެ ބިލަށް ހިޔާލު ހޯދުމާ ބެހޭގޮތުންވެސް މެންބަރުން ހިޔާލު ފާޅުކުރެއްވިއެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިފިނަމަ، ތަފާތު ގިނަ ހިޔާލުތަކެއް ހުށަހެޅޭނެ ކަމަށެެވެ. އެހެންކަމުން ކޮމިޓީން ބިލު ދިރާސާކޮށް ނިމްއިލުން ރަނގަޅުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ކޮމިޓީގެ މުގައްރިރު ސަލީމް ވިދާޅުވީ، ބިލާ ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އިއުލާން ކުރުމަކީ، ގަވާއިދުން ކުރަންޖެހޭ ކަމެއް ކަމަށްވާތީ އެކަން ކުރިއަށްގެންދާނެ ކަމަށެވެ.
އެކަމާ ގުޅިގެން ގާސިމް އިބްރާހިމް ވިދާޅުވީ، ބިލަަށް ހިޔާލު ހުށަހެޅުމަށް މުއްދަތެއް ދީފައި ރައްޔިތުން ކޮންމެ ހިޔާލެއް ފާޅުކުރި ނަމަވެސް އެބޭފުޅުންނަށް ފެންނަ ރަނގަޅު ގޮތަކަށް، ކަން ނިންމުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު