އާއިލީކަމެއް ކުއްލިއަކަށް ދިމާވެގެން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެންނެވުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް ލިބުނު ފަރާތްތަކަށް އެ ތަންތަން ހަވާލު ކުރުމާ ގުޅޭ ގޮތުން ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާ މިއަދު ސުވާލު ކުރެވޭނެ ގޮތެއް ނުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުއްލި އާއިލީ ކަމެއް ދިމާވެވަޑައިގެން ޖަލްސާއަށް ވަޑައިގެންނެވެން ނެތްކަމަށް މިނިސްޓަރު އަލީ ހައިދަރު މިއަދު މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. އެހެންކަމުން މިނިސްޓަރާ މިއަދު ކުރަން އޮތް ސުވާލުކުރުން، ދެން އެންމެ އަވަހަކަށް ބާއްވާ މަޖިލިސް ޖަލްސާއަކަށް އެޖެންޑާ ކުރައްވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ގޯތިތަކާއި ފްލެޓްތަކާބެހޭގޮތުން ސުވާލު ކުރެއްވުމަށް މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރުކޮށްދޭން އެދިފައިވަނީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހީމެވެ.

އޭނާ ހައިދަރާ ސުވާލުކުރެއްވުމަށް ހަމަޖެހިފައި އޮތީ ގުޅިފަޅުން ބިން ލިބުނު މީހުންނަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނީ ކޮން ދުވަހަކުންތޯ އާއި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ދީފައިވާ ގޯތިތައް ވެރިފަރާތްތަކާ ހަވާލުކުރެވޭނީ ކިހާ ތާކުތޯ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރެވޭނީ ކޮންއިރަކުންތޯ އޮޅުންފިލުވުމަށެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް މިދިޔަ ހަފުތާގައި މައުލޫމާތު ދެއްވަމުން ހައިދަރު ވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރަމުން އަންނަ ފްލެޓް އިމާރާތްތަކުގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހު ނިމޭނެ ކަމަށާއި އެހާތަނަށް ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އިއުލާން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.