ސާބިއާގެ ޓެނިސް ލެޖެންޑް ނޯވަކް ޖޮކޮވިޗް، ކެރިއަރުގެ ފުރަތަމަ އޮލިމްޕިކްސް ރަން މެޑަލް ހޯދައިފިއެވެ.
ކެރިއަރުގައި ރެކޯޑު 24 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗްގެ ކެރިއަރުގައި މި ވީހާތަނަށް ނުލިބި އޮތީ އެންމެ ކާމިޔާބީއެކެވެ. އެއީ އޮލިމްޕިކްސް ރަން މެޑަލްއެވެ. މިރޭގެ ފައިނަލްގެ ކުރިން ޖޮކޮވިޗް ބުނެފައިވަނީ އޭނާ އޮލިމްޕިކްސްގެ މެޑަލްއަކަށް އިންތިޒާރުކުރާތާ 20 އަހަރު ވެއްޖެ ކަމަށާއި، އެ ހުވަފެންވެސް ހަގީގަތަކަށް ހަދަން ބޭނުންވެފައި ހުރި ކަމަށެވެ.
އުމުރުން 37 އަހަރުގެ ޖޮކިވިޗް، އޭނާގެ ފަސްވަނަ އޮލިމްޕިކްސްގައި ސިންގަލްސް ރަން މެޑަލް މިރޭ ޔަގީންކުރީ ވާދަވެރި ސްޕެއިންގެ ކާލޮސް އަލްކަރާޒް ބަލިކޮށްގެންނެވެ. މެޗަށް ނުކުތް އިރު، ފޯމު ރަނގަޅުކޮށް ހުރީ އަލްކަރާޒެވެ. އެއީ މިއަހަރު މިހާތަނަށް ފްރެންޗް އޯޕަންއާއި މަހެއް ކުރިން ކުޅުނު ވިމްބަލްޑަންވެސް ކާމިޔާބު ކޮށްގެންނެވެ. މިދިޔަ މަސް ތެރޭގައި ކުޅުނު ވިމްބަލްޑަން ފައިނަލުގައިވެސް ޖޮކޮވިޗް ނުކުތީ އަލްކަރާޒާ ދެކޮޅަށެވެ. އެ މެޗުން މޮޅުވީ އަލްކަރާޒެވެ.
މިރޭގެ މެޗުގައި ޖޮކޮވިޗް ފެނުނީ ފޯމު ރަނގަޅުކޮށް ނަމަވެސް އަލްކަރާޒް ދެ ސެޓުގައިވެސް ރަނގަޅު ވާދައެއް ކުރިއެވެ. ޖޮކޮވިޗް ސެޓުތައް 6-7 (7-3) އަދި 7-6 (7-2) އިން ގެންދިޔައީ ޓައި ބްރޭކް ތަކުގައި ތަފާތު ދައްކައިގެންނެވެ.
މިއަހަރު ތެރޭގައި އަނިޔާގެ ސަބަބުން އޮލިމްޕިކްސް ގެއްލުމުގެ ބިރާވެސް ޖޮކޮވިޗަށް ކުރިމަތިވި ނަމަވެސް، އޭނާ ރަނގަޅަށް ރިކަވާވެ އޮލިމްޕިކްސްއަށް ނުކުތީ ބަދު ނަސީބުތައް ހަނދާން ނައްތާލުމަށެވެ.
ޖޮކޮވިޗް މިރޭގެ ކުރިން 2008 ވަނަ އަހަރު ބެއިޖިން އޮލިމްޕިކްސްގައި ލޯ މެޑަލް ހޯދި އިރު، 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްގައި އޭނާ ނިންމާލީ ހަތަރު ވަނައިގައެވެ. އަދި 2016 ވަނަ އަހަރު އޮލިމްޕިކްސްގެ ސިންގަލްސްއިން ޖޮކޮވިޗް ވަނީ ކުރީކޮޅުގައި ކަޓައިފައެވެ. އޭގެފަހުން 2020 ވަނަ އަހަރު ޓޯކިޔޯގައި ޖޮކޮވިޗަށް ބްރޯންޒް މެޑަލް މެޗު ގެއްލުނެވެ.
އެ ހިތްދަތިކަން ނިންމައި ޓެނިސް ކެރިއަރު ފުރިހަމަ ކުރެވުމާއެކު މެޗަށްފަހު ޖޮކޮވިޗް ވަނީ ކަރުނައާއެކު އުފާފާޅުކޮށްފައެވެ. އޭނާ ވެގެން ގޮސްފައިވަނީ ޓެނިހުގެ ހުރިހާ ބޮޑެތި ކާމިޔާބީތަކެއް ހޯދި ފަސްވަނަ ކުޅުންތެރިޔާއަށެވެ. ގްރޭންޑް ސްލޭމްގެ ފަސް ހަތަރު މުބާރާތުގެ އިތުރުން އޮލިމްޕިކްސް ކާމިޔާބުކޮށްފައި މީގެ ކުރިން އޮތީ ރަފޭލް ނަޑާލާއި ސެރީނާ ވިލިއަމްސްގެ އިތުރުން އަންދްރޭ އަގާސީއާއި ސްޓެފީ ގްރަފެވެ.
ޖޮކޮވިޗް އަތުން ބަލިވެ އަލްކަރާޒް ހިތްދަތިކަމުގައި މެޗު ނިންމާލި ނަމަވެސް، މިއީ އޭނާއަށްވެސް މާޔޫސީ އޮލިމްޕިކްސްއެއް ނޫނެވެ. އަލްކަރާޒް މިވަނީ ވާދަކުރި ފުރަތަމަ އޮލިމްޕިކްސްގައި ރިހި މެޑަލް ހޯދައިފައެވެ.
އޮލިމްޕިކްސްގެ ސިންގަލްސް ލޯ މެޑަލް މިފަހަރު ހޯދީ އިޓަލީގެ ލޮރެންޒޯ މުސެޓީއެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް