ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ވިމެންސް ނޭޝަންސް ލީގުގައި ރާއްޖެ އިން ކުޅުނު ދެވަނަ މެޗުގައި ވަރުގަދަ އިރާނާ ދެކޮޅަށް ރަނގަޅު ވާދައެއް ކުރި ނަމަވެސް ބަލިވެއްޖެއެވެ.
ނޭޕާލްގެ ދަސަރަތު ސްޓޭޑިއަމްގައި ހުންނަ ނޭޝަނަލް ސްޕޯޓްސް ކައުންސިލް ހޯލުގައި އިއްޔެ ކުޅުނު މެޗު އީރާނުން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އީރާނުން ކާމިޔާބުކުރީ 25-21، 25-20، 25-16 އިންނެވެ.
އިރާނަކީ އޭޝިއާގެ ވޮލީގައިވެސް ފާހަގަކޮށްލެވޭ ގައުމަކަށްވީ އިރު، ރާއްޖެއަށް އިއްޔެގެ މެޗުން ހޯދުނީ އުންމީދީ ނަތީޖާއެކެވެ. މުބާރާތުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ ކައިރިން ބޮޑު ތަފާތަކުން ރާއްޖެ ބަލިވި ނަމަވެެސް، އިއްޔެ ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ހާއްސަކޮށް، ބޫޓާނުގައި އޮތް ކާވާ ބީޗްވޮލީ މުބާރާތުގައި ވާދަކުރި އައިޝަތު މާޖިދާއާއި ހައްވާ ރާޝިދާ މިއަދުގެ މެޗަށް ޓީމާ ގުޅުމާއެކު ތަފާތު ފެނިގެންދިޔަ އެވެ. ހައްވައަކީ ގައުމީ އަންހެން ޓީމުގެ ކެޕްޓަނެވެ.
އިންޑިއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި މާޔާ ހުސެއިން ސޮލާހު އިއްޔެގެ މެޗުގައި ކުޅެފައެއް ނުވެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
އިއްޔެ މެޗު ފަށައިގެން ރާއްޖެއިން ރަނގަޅު ވާދައެއް ކުރަމުން ގޮސްފައިވާ އިރު، ސެޓުގެ މެދުތެރެއިން ހައްވައާއި މާޖިދާ ކުޅެން އެރިއެވެ. އެ ދެ ކުޅުންތެރިންގެ އެޓޭކުތަކާއެކު ރާއްޖެއިން ސެޓުގެ ފަހުކޮޅުގައި ކުޅުން ރަނގަޅުކޮށްފައިވާ އިރު، ދެން ކުޅުނު ދެ ސެޓުގައިވެސް ޓީމުން ރަނގަޅު ކުޅުނެވެ. ފުރަތަމަ ދެ ސެޓުގައި ރާއްޖެއިން ރަނގަޅު އެޓޭކުތަކެއްކޮށް، އިރާނަށް އުނދަގޫތައް ކުރިމަތި ކުރުވިއެވެ. ނަމަވެސް ތިންވަނަ ސެޓުގައި ބަދަލުތަކާއެކު ކުޅުމަށް ބަދަލު އައެވެ. އަދި އޭގެ އިތުރުންވެސް ވަރުބަލިކަން ފެނިގެން ދިޔައެވެ.
ކާވާ ނޭޝަންސް ލީގުގައި ޖުމުލަ ފަސް ގައުމަކުން ވާދަކުރެއެވެ. އެއީ އިރާނާއި އިންޑިއާގެ އިތުރުން ސްރީ ލަންކާއާއި ރާއްޖެ އަދި ނޭޕާލާއެވެ. ލީގު ބުރުގައި ދެން ރާއްޖެއިން ކުޅޭނީ ލަންކާއާއި ނޭޕާލާ ދެކޮޅަށެވެ.
ކާވާ ނޭޝަންސް ލީގުގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ މިއަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް ޓީމު ރަނގަޅަށް ތައްޔާރުކުރުން ކަމަށް ކޯޗު، ސޮފްވާން އަހުމަދު ބުނެފައިވެއެވެ.
ގައުމީ ވޮލީބޯޅަ ޓީމު
ގައުމީ ވޮލީބޯޅަ ޓީމު
ގައުމީ ވޮލީބޯޅަ ޓީމު
ގައުމީ ވޮލީބޯޅަ ޓީމު