ޕެރިސް އޮލިމްޕިކްސްގެ ޓެނިސް ފިރިހެން ޑަބަލްސް އިވެންޓުން ގްރޭޓް ބްރިޓަން ކެޓުމާއެކު، އެންޑީ މުރޭގެ ޓެނިސް ކެރިއަރު ނިމިއްޖެއެވެ.

މީގެ ކުރިން އޮލިމްޕިކްސްގެ ސިންގަލްސް ރަން މެޑަލް ދެ ފަހަރަށް ހޯދާފައިވާ މުރޭއާއި ޑޭން އީވަންސްގެ ޕެއާ، ކުއާޓާ ފައިނަލުގައި ރޭ ބަލިވީ އޮލިމްޕިކްސް ފިރިހެން ޑަބަލްސްގެ ތިންވަނައަށް ރޭންކް ކޮށްފައިވާ އެމެރިކާގެ ޓެއިލާ ފްރިޓްޒާއި ޓޮމީ ޕޯލްގެ ޕެއާ އަތުން 6-2، 6-4 އިންނެވެ.

އުމުރުން 37 އަހަރުގެ މުރޭ، އޮލިމްޕިކްސްގެ ކުރިން ބުނީ މިއީ އޭނާ ކެރިއަރުގެ ފަހު މުބާރާތް ކަމަށާއި މިފަހަރުގެ މުބާރާތަށްފަހު ރިޓަޔާ ކުރާނެ ކަމަށެވެ. ރޭ ކެރިއަރު ނިމުމާއެކު މުރޭ ބުނީ ޓެނިސް ކެރިއަރާމެދު އިންތިހާއަށް ފަހުރުވެރިވާ ކަމަށާއި ކުޅިވަރަށް ކުރެވުނު ހިދުމަތަށްވެސް އުފާކުރާ ކަމަށެވެ.

މުރޭ ބުނީ އޭނާ ހުރީ މާކުރިންވެސް ރިޓަޔާމެންޓަށް ތައްޔާރަށް ކަމަށާއި ކަންކަން ނިމިދިޔަ ގޮތާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އަމިއްލައަށް ހުއްޓާލަން ބޭނުންވެފައި ހުރެ، ހުއްޓާލަން ޖެހުން އެއީ ލިބުނު ޝަރަފެއް ކަމަށްވެސް އޭނާ ބުންޏެވެ.

ސްކޮޓްލޭންޑަށް އުފަން މުރޭ، އެންމެ ފުރަތަމަ އޮލިމްޕިކްސްގެ ޓެނިސް އިވެންޓުގައި ކުޅުނީ 2008 ވަނަ އަހަރު ބެއިޖިންގައެވެ. އެ ފަހަރު ކުޅުނު ފުރަތަމަ މެޗުގައި ލޫ ޔެން-ސުން އަތުން ފުރަތަމަ ބުރުން ބަލިވެ، ކެޓީއެވެ.

އޭގެފަހުން 2012 ވަނަ އަހަރު ލަންޑަނުގައި ބޭއްވި އޮލިމްޕިކްސް އިން މުރޭ ވަނީ ރަން މެޑަލް ހޯދައިފައެވެ. ފައިނަލުގައި ބަލިކުރީ ރޯޖާ ފެޑެރާއެވެ. އަދި 2016 ވަނަ އަހަރު އާޖެންޓީނާގެ ޖުއާން މާޓިން ޑެ ޕޮޓްރޯ ބަލިކޮށް، ރިއޯގައިވެސް މުރޭ ރަން މެޑަލް ހޯދި އިރު، އޭނާއަކީ ޓެނިހުން ޖެހިޖެހިގެން ދެ ރަން މެޑަލް ހޯދި އިނގިރޭސި ފުރަތަމަ އެތުލީޓެވެ.

ކުރިން ދުނިޔޭގެ އެއްވަނަ މަގާމުގައިވެސް އޮތް މުރޭ ވަނީ ސިންގަލްސް 1001 މެޗު ކުޅެފައެވެ. މުރޭ ވަނީ 2012 ވަނަ އަހަރު ޔޫއެސް އޯޕަންއާއި 2013 އަދި 2016 ވަނަ އަހަރުގެ ވިމްބަލްޑަންވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން އޭޓީޕީ 46 ތަށި މުރޭ ހޯދި އިރު، އޭނާ ވަނީ 2015 ވަނަ އަހަރު ޑޭވިސް ކަޕްވެސް ކާމިޔާބުކޮށްފައެވެ.