މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއާލައިސް އިން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށައިފިއެވެ.
މެލޭޝިއާ އެއާލައިންސުން ރާއްޖެ އަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. މެލޭޝިއާ އަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ.
މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް އަލުން ފެށުމުގެ ގޮތުން މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓުން 168 ފަސިންޖަރުންނާއެކު ފުރި އެ އެއާލައިންސްގެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު 11:20 ގައެވެ. އެ ފްލައިޓަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައި ރަސްމިއްޔާތެއްވެސް ބޭއްވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މެލޭޝިއާ އެއާލައިންސްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށާއި މެލޭޝިއާ އެއާލައިންސް އިން ދަތުރުތައް ފެށުމުން، ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާއާއި ނިއުޒީލެންޑް ހިމެނޭ އޯޝޭނިއާ ރީޖަނުން ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ، ރާއްޖެއަށް ބޮޑެތި އެއާލައިންތައް އަންނަމުންދާއިރު، އެ ފަރާތްތަކުގެ ގްރައުންޑް ސާވިސް އޭޖެންޓް (ޖީއެސްއޭ) ނުވަތަ ހޭންޑްލިން އޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުން ކަމަށެވެ. އެކަމުގެ ނަފާ ދިވެހިންނަށް ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން، އެ އެއާލައިންގެ ޗެކިން ފަށާފައިވަނީވެސް ހާއްސަ ހަރަކާތަކުންނެވެ. އެގޮތުން މެލޭޝިއާ އެއާލައިންސްގެ ޗެކިން ކައުންޓަރު ހުޅުއްވައިދެއްވީ މެލޭޝިއާ އެއާލައިންސްގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޓާމިނަލް އަދި ޕަސެންޖަރު ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރުންނެވެ.
މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުން ފާހަގަކުރައްވައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މެލޭޝިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވައިގެ ދަތުރުތައް، މެލޭޝިއާ އެއާލައިންސް އާއެކު އިތުރުވެގެން ދިއުމަކީ އިގުތިސާދީ ގޮތުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ.
އަދި އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެއާލައިންތަކާއި ފަސިންޖަރުންނަށް ފަސޭހަ މާހައުލެއް ގާއިމުކޮށްދީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމަށް ވިދާޅުވިއެވެ.
މެލޭޝިއާ އެއާލައިންސް އިން ހަފުތާގެ ހަތް ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާއިރު، އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރުމަށް ބޭނުންކުރާނީ ބޮއިން 737- 800 މަކުރާގެ 174 ސީޓުގެ ފްލައިޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު