ފްރާންސްގައި ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެން ފުޓުބޯޅަ އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލުން ރޭ ކުޅުނު މެޗުގައި ސްޕެއިން ކައިރިން ބަލިވެއްޖެއެވެ.
ބްރެޒިލް ރޭ ސްޕެއިން ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ބްރެޒިލުން މިފަހަރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އެޓީމަށް ލިބުނީ ދެ ޕޮއިންޓެވެ. އެހެންކަމުން ގްރޫޕްގެ ތިންވަނައަށް ބްރެޒިލް ގޮސްފައިވާ އިރު، އެޓީމު ކުއާޓާ ފައިނަލަށް ދިޔައީ، ތިންވަނަ މަގާމުގައި އޮތް ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.
ބޯޑޯގައި ރޭ ކުޅުނު މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ، މިފަހަރު އޮލިމްޕިކްސްއަށްފަހު ފުޓުބޯޅައިން ރިޓަޔާކުރަން ނިންމާފައިވާ މާޓާއަށް ދެއްކި ރަތް ކާޑަށެވެ. މާޓާ، ސްޕެއިންގެ އޮލްގާ ކާމޯނާ ކައިރިން ބޯޅައަށް މަސައްކަތް ކުރުމުގެ ތެރޭގައި މާ މައްޗަށް ފައިނެގުމުން ރެފްރީ އޭނާއަށް ރަތް ކާޑު ދެއްކިއެވެ.
ފުރަތަމަ ހާފު ނިމެން ދަނިކޮށް މާޓާއަށް ރަތްކާޑު ދެއްކިއިރު މެޗު އޮތީ ހަމަހަމަ ވެފައެވެ. އެއީ ގޯލެއް ނުޖެހިއެވެ. އެ ރަތްކާޑާއެކު ސްޕެއިންނަށް ހިތްވަރު ލިބި، 68 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެ ގޯލު ޖެހީ އަތެނިއާ ޑެލް ކަސްޓީލޯއެވެ.
ސްޕެއިންގެ ދެވަނަ ގޯލަކީ އިތުރު ވަގުތުގައި އެލީޒިއާ ޕުޓެޔަސް ޖެހި ގޯލެކެވެ.
އުމުރުން 38 އަހަރުގެ މާޓާ، މިހާތަނަށް އެތެންސް 2004 އަދި ބެއިޖިން 2008 ގެ އޮލިމްޕިކްސްގައި ބްރެޒިލާއެކު ރިހި މެޑަލް ހޯދައިފިއެވެ. އޭނާއަށް ރަން މެޑަލް ނުލިބި އޮތީ ދެ ފަހަރުވެސް ފައިނަލުގައި އެމެރިކާ އަތްދަށުވެގެންނެވެ. މާޓާއަކީ ހަ ވޯލްޑް ކަޕެއް ކުޅުނު ހަމައެކަނި ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އަދި އޭނާއަކީ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެއީ ވޯލްޑް ކަޕްގައި 23 މެޗުން 17 ގޯލު ޖަހައިގެންނެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް