ހުޅުމާލެ ވިނަރެސް ފުލެޓު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދޭއް، ވިނަރެސް ފުލެޓު ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެއްޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރުގެ ވަގުތެއްގައި ރިޕޯޓު ކުރި ކަމަށެވެ. އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި ފިރިހެން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓާ ގުޅިގެން ބަލަަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ، އެކްސިޑެންޓުވުމުން ފިލާފައިވާ ކަމަށާއި އެ މިހާ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އޭރު ފުލުހުން ބުންޏެވެ.
އެފަހުން ފުލުހުން މިރޭ ބުނީ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭގެ އިތުރުން އެ ކާރުގައި އިން އިތުރު ދެ ފިރިހެނަކު ވެސް ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓު ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ރަތްކުލައިގެ ކާރެއް ބާރު ސްޕީޑުގައި ދުއްވާފައި އައިސް ކޮންޓްރޯލުނުވެ، މަގުގެ އެއްފަޅީގައި ސައިކަލުމަތީ އިން ފިރިހެން މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވާ ތަނެވެ. އެ ވީޑިއޯ އިން ސައިކަލު މަތީގައި އިން މީހާ ވިއްސާއިގެން ގޮސް އެ މަގުގައި ހުރި ފިހާރައެއްގެ ދޮރުމައްޗަށް އެމީހާ ވެއްޓޭތަންވެސް ފެނެއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ވަރަށް ފަހުން މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެކެވެ. އަދި މިއަދު ހިނގި އެކްސިޑެންޓުގައި އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އޭނާގެ ބޯ ފަޅައިގެން ގޮސް، އަތެއް އަދި ފައެއްވެސް ވަނީ ބިންދައިގެން ގޮސްފައެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު "ވަން" އަށް ބުނީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އެ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުގައި ފަރުވާ ދެމުންގެންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު