"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހަދަމުންދާ 4،000 ފުލެޓުގެ ތެރެއިން، މޯލްޑިވްސް ކަސްޓަމްސް ސާވިސަސް (އެމްސީއެސް)ގެ މުވައްޒަފުންނަށް 100 ފުލެޓް ހާއްސަ ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފުލެޓު ހާއްސަ ކޮށްފައިނުވާ ކަމަށެވެ.

"މި 4،000 ފުލެޓުގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ކަނޑައަޅާފައި އޮތް އެއްޗެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއް ނެތް،" ހައިދަރު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން ކަސްޓަމްސް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 4،000 ފުލެޓުގެ ތެރެއިން 100 ފުލެޓު ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމައި، 19 ސެޕްޓެމްބަރު 2023 ގައި ރައީސް އޮފީހުން، އެކަން ކަސްޓަމްސްއަށް އަންގާފައިވާ ކަމަށެވެ. ރައީސް އޮފީހުގެ އެ ނިންމުމާ އެއްގޮތަށް، ތިން ކޮޓަރީގެ 85 ފުލެޓާއި ދެ ކޮޓަރީގެ 15 ފުލެޓު ކަސްޓަމްސްގެ މުވައްޒަފުންނަށް ދޭން ކަނޑައެޅުމަށްފަހު، ހައުސިން މިނިސްޓްރީއަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 25 ގައި އަންގާފައިވާނެ ކަސްޓަމުން ބުނެފައިވެއެވެ.

އެ ބަޔާން ނެރުމަށްފަހު ކަސްޓަމްސް އިން ވަނީ ހައުސިން މިނިސްޓްރީ އަދި އެ މިނިސްޓްރީގެ އިސް އޮފިޝަލުންނާ ރޭ ބައްދަލުކުރައްވައި، އެ 100 ފުލެޓާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ކަސްޓަމްސް އިން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ "ކަސްޓަމްސް މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯއްދަވާދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކަސްޓަމްސްއަށް 100 ފުލެޓު ދެއްވާނެކަމުގެ ޔަގީންކަން އަދުގެ ސަރުކާރުން ވަނީ ދެއްވާފައި" ކަމަށެވެ.

އެ ނިންމެވުމާ އެއްގޮތަށް 100 ފުލެޓު ކަސްޓަމްސްއަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދީފައިވާ ކަމަށާއި އެ ޔަގީންކަން ދީފައިވަނީ ރޭ ބޭއްވި ބައްދަލުވުމުގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.