ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަށް ދެ މީހަކު ވަދެ، ވައްކަންކުރަން އުޅުނު ކަމަށެވެ.
އެ ވަގުތު އެތަނުގެ ޑިއުޓީގައި ހުރި ފުލުސް މީހަކު އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން އެ ފުލުހަށް އަނިޔާ ކުރުމަށްފަހު އެ ދެ މީހުންވެސް ފިލައިގެން ދިޔަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ މީހުން ހޯދުމަށް ކުރި މަސައްކަތުން އެ ތަނުން އެކަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއެއްގައި ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިލުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށާއި އެއީ 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުން އެމީހުން ވަގަށް ނެގި ތިން ލެޕްޓޮޕްގެ ތެރެއިން ދެ ލެޕްޓޮޕް ހޯދި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު