އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގައި އަންހެނަކު ފެންވަރަން ހުއްޓައި ދޮރު ވައްޓާލައިގެން ފުލުހުން ވަދެ، ފުލުހުންގެ ބޮޑީ ވޯން ކެމެރާއިން އެ މަންޒަރު ރެކޯޑުކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިތަދޫގެ ގެއެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ އެޕާޓްމަންޓަށް ފުލުހުން ވަނުމަށް ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުންވެސް ދޮރު ނުހުޅުވުމުން އެ އެޕާޓްމަންޓަށް ފުލުހުން ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ތަޅު ހަލާކު ކޮށްލައިގެން ކަމަށާއި އެ އެޕާޓްމަންޓްގެ ދެ ކޮޓަރިއެއްގެ ދޮރު ހުޅުވުމަށް އެދުމުންވެސް ދޮރު ނުހުޅުވުމުން ފުލުހުން އެތަނަށްވެސް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.
"އޭގެ ތެރެއިން އެއް ކޮޓަރީގައި ފެންވަރައިގެން ނުކުމެ ހުރި އަންހެނަކު ހުރުމުން ފުލުހުން ވަނީ ދޮރު ލެއްޕުމަށް ފަހު ކޮޓަރިން ނުކުތުމަށް ފުރުސަތު ދީފައި،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ އެޕާޓްމަންޓުގެ އެއްވެސް ފާހާނައެއްގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެފައިނުވާ ކަމަށާއި އަދި އެ އޮޕަރޭޝަންގައި ފުލުހުން ބޮޑީވޯން ކެމެރާވެސް ބޭނުންކޮށްފައިނުވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ އޮޕަރޭޝަން ހިންގުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ރިވިއުއެއް، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ހަދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު