ރާއްޖޭގެ ވަޒީފާތަކަށް އެއް ގައުމަކުން އެންމެ ގިނައިން މީހުން ގެނެވޭނީ 100،000 ހަމައަށް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓް އުވާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 80 މެންބަރުންގެ ތެރެއިން 79 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މިއީ ވަޒިފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ފޮނުވާފައިވާ ބިލެކެވެ. ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނީ 100،000 މީހުން ކަމަށް ވަޒީފާއާބެހޭ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ އިރު، ގާނޫނަށް އިސްލާހު ގެންނަން ފޮނުވާފައިވާ ބިލުގައި އެ ލިމިޓް އުވާލަން ވަނީ ހުށަހަޅައިފައެވެ.

ނަމަވެސް ވަޒީފާ އަދާކުރުމަށްޓަކައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައެޅިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

އެގޮތަށް ބިދޭސީން ގެނެވޭ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާއެއް ކަނޑައެޅިދާނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތަށް ކަނޑައެޅުމުގައި އެކިއެކި ސިނާއަތްތަކާއި މަަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތަކެއް ކަނޑައެޅިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެގޮތަށް ކަނޑައަޅަންވާނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމެންޓަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.

އެ އެސެސްމެންޓްގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކާއި މުހިންމު ދާއިރާތަކަށް ބިދޭސީން ބޭނުންވާ މިންވަރާއި އެހާތަނަށް ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރަމުންދާ މިންވަރާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މިންވަރު ދެނެގަންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާ އިރު، ރިއާޔަތް ކުރަންޖެހޭ ކަންތައްތަކެއް ބިލުގައި ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި ގައުމުގެ އިގުތިސޯދީ، އިޖުތިމާއީ ތަރައްގީއަށް މުހިންމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެހެން މުހިންމު ވަޒީފާތަކާއި އެކަށީގެންވާ އަދަދަކަށް ކަމުގެ ހުނަރު ލިބިފައިވާ މަސައްކަތްތެރިން ރާއްޖެއިން ލިބެން ނެތުން ނުވަތަ ލިބޭ މިންވަރު މަދުވުން ހިމަނާފައިވެއެވެ.

ވަކި ދާއިރާއެއްގެ ވަޒީފާތަކަށް، ބިދޭސީން ނެގުމުގެ ސަބަބުން އެ ދާއިރާއެއްގައި އިލްމާއި ހުނަރު އިތުުރުކުރުމުގެ ފުރުސަތު އޮތް މިންވަރާއި ވަކި ދާއިރާއެއްގެ ވަޒީފާއަށް އެއްވެސް މީހަކު ނުލިބިއްޖެނަމަ ނުވަތަ ލިބޭ މިންވަރު މަދުވެއްޖެނަމަ، އެ ދާއިރާއެއްގެ ތަރައްގީއަށް ކުރާނެ ނޭދެވެ އަސަރު ބަލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމުގެ ސަބަބުން ނުވަތަ އެފަދަ މަސައްކަތްތެރިންގެ އަދަދު އިތުރުވުމުގެ ސަބަބުން ދާހިލީ އަދި ގައުމީ ސަލާމަތަށް އަސަރުކޮށްފާނެ މިންވަރު ދެނެގަތުންވެސް ހިމެނެއެވެ.

ބިލުގައި ބުނަނީ، ރާއްޖެ ގެނެވޭނެ ކަމަށް ގަވާއިދުގައި ކަނޑައަޅާ އަދަދަށްވުރެ އިތުރަށް ބިދޭސީން އުޅޭ ނަމަ، އެ އަދަދަށް ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި އެކަންކޮށް ނިންމަންޖެހޭ މުއްދަތުވެސް ގަވާއިދުގައި ބަޔާން ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އެ މުއްދަތު ކަނޑައަޅަން ވާނީ އެކަށީގެންވާ ނޯޓިސް މުއްދަތެއް ދިނުމަށް ފަހުގައި ކަމަށާއި އެ މުއްދަތު 36 މަސް ދުވަހަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.