މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން ސޮއިކޮށް، އަމަލީ މަސައްކަތް ފަށައިފައިނުވާ މަޝްރޫއުތައް މިވަގުތު ނުފަށައި، އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ސަރުކާރުން ނިންމާފައިވާނެ ކަމަށެވެ.

"މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުމުން،" މުއްތަލިބު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވިދާޅުވެފައިވަނީ މިއަހަރުގެ ބަޖެޓު އެކުލަވާލި އިރު، ކުރީ ސަރުކާރުން ހިޔާލު ހޯދި ނަމަވެސް މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ބަޖެޓުގައި ފައިސާ ހިމަނާފައިނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރި ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.