ޗައިނާގެ ޝިއާމެން އެއާލައިންސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.

ޝިއާމެން އެއާލައިންސްގެ ފުރަތަމަ ޝެޑިއުލް ފުލައިޓު ވީއައިއޭއަށް ޖައްސާފައިވަނީ މިއަދު ހަވީރު 6:05 ގައެވެ.

ޝިއާމެން އެއާލައިންސްގެ ޝެޑިއުލް ފުލައިޓުތައް ވީއައިއޭއަށް ފެށުން ފާހަގަކުރައްވައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މީގެ ކުރިން ޗާޓަރުކޮށް ދަތުރުކުރަމުން އައި އެ އެއާލައިނުން ޝެޑިއުލް ދަތުރުތައް ފެށުމަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތައް އިތުރުކުރުމަށް އެމްއޭސީއެލުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި މިއީ މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝިއާމެން އެއާލައިންސް އިން ރާއްޖެއަށް ހަފުތާއަކު ތިން ޝެޑިއުލް ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބީ737-800 މަރުކާގެ 169 ސީޓުގެ ފުލައިޓެވެ. އެ އެއާލައިނުން ޝެޑިއުލް ދަތުރުތައް ފަށާފައިވާ އިރު، މިއަހަރުގެ ފެބުރުއަރީން ފެށިގެން ޗާޓަރު ދަތުރުތައް ކުރިއެވެ.

ޗައިނާގެ ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއާލައިންސް، ޗޮންޗިން އެއާލައިންސް އަދި ޗައިނާ އީސްޓާންއެވެ.

ޝިއާމެން އެއާ އިން ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާންކުރެއްވީ މިިދިޔަ ޖެނުއަރީ މަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެ ދަތުރުފުޅުގެ ތެރެއިން ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަޝްވަރާތައް ކުރެވި، ވަރަށް ގިނަ ކާމިޔާބީތައް ލިބިގެންދިޔަ ކަމަށާއި ޑައިރެކްޓް ފުލައިޓުތައް އިތުރުކުރުމަށްޓަކައި ވެސް ވަރަށް ގިނަ މަޝްވަރާތައް އެންމެ މަތީ ލެވެލްގައި ކުރެވިގެންދިޔަ ކަމަށެވެ.

"މި ދަތުރުގައި ޝިއާމެން އެއާ އިން ރާއްޖެއަށް ޑައިރެކްޓް ފުލައިޓުތައް މި ސްޕްރިންގްގައި ފެށުމަށްޓަކައި އެ ފަރާތުން ވަނީ ކަނޑައަޅާފައި. ޝިއަމަން އިން މާލެއަށް، މާލެއިން ޝިއަމަންއަށް. އޭގެ އިތުރަށް އެކިއެކި ޑެސްޓިނޭޝަންތައް ވެސް އިތުރުކުރެވިގެންދާނެ،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކުރުން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށާއި ކޮވިޑުގެ ކުރިން ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އައި އަދަދަށްވުރެ ދެ ގުނަ ފަތުރުވެރިން، ގިނަވެގެން ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އަންނަ ވަރަށް އިތުރުކުރުމަށްޓަކައި މަސައްކަތްތައް ތަރުތީބުވެގެންދިޔަ ކަމަށެވެ.

ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަމުންދިޔައީ ޗައިނާ އިންނެވެ. ނަމަވެސް އޭގެ ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދިޔައީ އިންޑިއާ އިންނެވެ.