އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރާ މޯދީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި މި އަހަރު ނިމިގެންދާއިރު ޓޫރިޒަމްގެ ގަދަ ތިން ގައުމުގެ ތެރޭގައި އިންޑިއާ ހިމެނޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ކުރީކޮޅު، ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ. އިންޑިއާގެ ފިލްމީ ތަރީންނާއި ނުފޫޒު ގަދަ ސިޔާސީ ބައެއް ފަރާތްތަކާއި ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތައްވެސް ހިމެނޭގޮތުން، ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި ބޮޑު އެންޓި ކެމްޕޭނެއްވެސް ހިންގި އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި މަޓާޓޯ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް، އިންޑިއާގައި އިޝްތިހާރުކުރުމަށް ކުރިޔަށް ގެންދާ ރޯޑްޝޯގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުގެ ތެރެއިން، އިންޑިއާގެ ދިއްލީގައި ހުންނަވައި، "ވަން" އަށް މިއަދު ދެއްވި ފޯނު އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ ދެ ގައުމުގެ ގުޅުން އަނެއްކާވެސް ވަރަށް ރަނގަޅުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.
"އަޅުގަނޑުގެ މި ދަތުރުގައި ވެސް އިންޑިއާގެ ގިނަ ފަރާތްތަކަކާ ބައްދަލުކުރާނަން. އޭގެ ތެރޭގައި ބައެއް ވަޒީރުންނާއި ފިލްމުސްޓާރުން އަދި ވިޔަފާރިވެރިން ހިމެނޭނެ. އިންޑިއާ ރާއްޖެ ގުޅުން އަނެއްކާވެސް މި ފެންނަނީ ވަރަށް ރަނގަޅަށް ވަރަށް އުއްމީދީކޮށް. ވަކިން ހާއްސަކޮށް ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ދާދި ފަހުން މި ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އުއްމީދު ވަރަށް ބޮޑަށް އާވެއްޖެ." ފައިސަލް ވިދާޅުވިއެވެ.
އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ރޯޑްޝޯތައް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ވެރިރަށް ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރުގަ އެވެ. މި ރޯޑްޝޯގެ ފުރަތަމަ އިވެންޓް މިރޭ ދިއްލީގައި ފެށޭއިރު، އެ ހަރަކާތުގައި އިންޑިއާގެ ޓޫރިޒަމް ދާއިރާގެ 150 އަށްވުރެ ގިނަ ފަރާތްތައް ބައިވެރިވާނޭ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.
"މިދިޔަ އަހަރު ރާއްޖޭގެ އެއްވަނަ މާކެޓަކީ އިންޑިއާ. އިންޑިއާއިން ދެ ލައްކަ ފަތުރުވެރިން ރާއްޖެއަށް ދިޔަ. މި އަހަރު އަދި އެރީ 71 ހާހަށް. އެކަމަކު އަޅުގަނޑުމެންގެ ޓާގެޓަކީ އަހަރު ނިމޭއިރު، ގަދަ ތިނެއްގެ ތެރޭގައި އިންޑިއާ ހިމެނުން. އެކަންވެސް އިރާދަފުޅުކުރެއްވިއްޔާ ހާސިލުކުރެވޭނެ." ފައިސަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު