ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފިރިހެން ޓެނިސް ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުގައި ސާބިއާގެ ނޯވަކް ޖޮކޮވިޗް، ސްޕެއިންގެ ރަފޭލް ނަޑާލް ބަލިކޮށްފިއެވެ.

މި ވަގުތު ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރި، އުމުރުން 38 އަހަރުގެ ނަޑާލްގެ މައްޗަށް އުމުރުން 37 އަހަރުގެ ޖޮކޮވިޗް ކުރި ހޯދީ، ސީދާ ދެ ސެޓުންނެވެ. އެއީ 6-1، 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ.

މިރޭ ކުޅުނު މެޗަކީ ދެ ކުޅުންތެރިން ވާދަވެރި ކުރިމަތިލުމަކުން ކުރިމަތިލި 60 ވަނަ މެޗެވެ. ނަޑާލް ކެރިއަރުގައި 22 ގްރޭންޑް ސްލޭމް ހަމަކޮށްފައިވާއިރު، ޖޮކޮވިޗްގެ ތާރީހު މިހާރު އެއަށްވުރެވެސް ފުރިހަމައެވެ. އޭނާ 24 ގްރޭންޑް ސްލޭމް ހޯދާފައިވާއިރު، ޖޮކޮވިޗަށް މަދުވަނީ އޮލިމްޕިކްސް ރަން މެޑަލްއެކެވެ.

ފްރާންސްގެ ފިލިޕް ޗަޓްރިއޭ ކޯޓުގައި މިރޭގެ މެޗު ކުޅުނުއިރު، ނަޑާލް ވަނީ މީގެ ކުރިން އެ ކޯޓުގައި ރޮލެންޑް ގްރޮސް މުބާރާތުގައި ރެކޯޑު 14 ތަށި ހޯދައިފައެވެ. އަދި މިރޭގެ ބައްޔަކީ ނަޑާލް ކްލޭގައި ކުޅުނު 188 ސިންގަލްސް މެޗުގައި އޭނާއަށް ކުރިމަތިވި އެންމެ ފަސްވަނަ ބައްޔެވެ.

މިރޭގެ މެޗުގައި ޖޮކޮވިޗް މާބޮޑަށްވެސް މޮޅުކޮށް ފެނިގެން ގޮސްފައިވާ އިރު، ނަޑާލް ހިތްވަރުކޮށް ފަހުކޮޅުގައި ކޮންމެވެސް ވަރަކަށް ނުރައްކާ ކުރިއެވެ. އެހެން ނަމަވެސް ޖޮކޮވިޗް ފެނުނީ އަނެއްކާވެސް ވަރުގަދަކޮށް ކުޅުނު ތަނެވެ.

މިރޭގެ މެޗަށްފަހު ޖޮކޮވިޗް ބުނީ 2006 ވަނަ އަހަރު ދެ ކުޅުންތެރިން ކުޅުނު ފުރަތަމަ މެޗާއެކު މިއަދާ ހަމައަށް ދެ ކުޅުންތެރިން ކުޅެން ކޯޓުގައި ތިބޭނެ ކަމަށް އުންމީދުވެސް ނުކުރާ ކަމަށެވެ. ދެ ކުޅުންތެރިންގެ ކެރިއަރުވެސް ފުރިހަމަ ކަމަށް ޖޮކޮވިޗް ބުނެފައިވާ އިރު، މެޗަށްފަހު ނަޑާލާއި ޖޮކޮވިޗްވެސް ވަނީ ވަރަށް ބޮޑަށް އިހުތިރާމު އަދާކޮށްފައެވެ.

ނަޑާލް އަނިޔާގެ ސަބަބުން ކެރިއަރު ހުއްޓާލުމަށް މިސްރާބު ޖަހާފައި ހުރި އިރު، އޭނާ ވަނީ 2008 ވަނަ އަހަރު ސިންގަލްސް އިވެންޓުން އޮލިމްޕިކްސް ރަން މެޑަލް ހޯދައިފައެވެ.