އިޓަލީ ގައުމީ ޓީމުގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ އާސެނަލްގެ މެޑިކަލް ފުރިހަމަކޮށް، އެ ކްލަބަށް މިއަދު ސޮއިކޮށްފިއެވެ.
އިޓަލީން މިފަހަރުގެ ޔޫރޯ ގަދަ 16 އާ ހަމައަށް ކުރި ދަތުރުގައި އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކަށްވީ ކަލަފިއޯރީއެވެ. އޭނާ ވަނީ ޓީމުގެ ފަހަތުން ލީޑުކޮށް މުހިންމު އެޓޭކުތަކެއްވެސް އުފައްދައިފައެވެ. ގްރޫޕް ސްޓޭޖުގައި ދެ ރީނދޫ ކާޑު ހަމަވުމުން ކަލަފިއޯރީއަށް ގަދަ 16 ގެއްލުނު އިރު، އިޓަލީ މުބާރާތުން ވަކިވާން ޖެހުނީ އެ މެޗުގައި ސްވިޒަލޭންޑް ކައިރިން ބަލިވެގެންނެވެ.
ކަލަފިއޯރީ ހޯދުމަށް އާސެނަލްއާއި ޗެލްސީގެ އިތުރުން ޔުވެންޓަސްއިންވެސް މަސައްކަތް ކޮށްފައިވެއެވެ. އާސެނަލް އިން ފުރަތަމަ ކުރި ބިޑު ނާކާމިޔާބުވި ނަމަވެސް ފަހުން ބޮލޯނިއާ އިން ބޭނުންވި އަދަދަށް އަގު މަތިކޮށް، އާސެނަލުން އޭނާ ސޮއި ހޯދީ 42 މިލިއަން ޕައުންޑްގެ ރަސްމީ އަގަކަށެވެ. އޭގެ އިތުރުން ބޯނަސް ފީއާއި އެޖެންޓް ފީވެސް އާސެނަލް ދައްކާފައިވެއެވެ.
އުމުރުން 22 އަހަރުގެ ޑިފެންޑަރު ކަލަފިއޯރީ ވަނީ އާސެނަލަށް ސޮއިކުރުމާއެކު ފިލަޑަލްފިއާގައި ކޭމްޕް ކޮށްގެން ތިބި ޓީމުގެ ކުޅުންތެރިންނާ ގުޅިފައެވެ.
ކަލަފިއޯރީ އާސެނަލްއަށް ސޮއިކޮށް ބުނީ، އެ ކްލަބަށް ސޮއިކުރުމަކީ އިންތިޒާރެއް ކަމަށާއި ކުރިއަށް އޮތް ސީޒަނަކީ ބޮޑު ކާމިޔާބީއެއް ހޯދޭނެ ސީޒަނެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ކަލަފިއޯރީއަކީ ވަރުގަދަ ލީޑަރެއް ކަމަށާއި ޓީމަށް ބޮޑު ޓްރޮފީއެއް ހޯދުމަށް ބޭނުންވާ ކަންތައްތަކެއް އޭނާގެ ފަރާތުން ފެންނަ ކަމަށެވެ. އަދި ހާއްސަކޮށް މިދިޔަ އަހަރުތަކުގައި ކަލަފިއޯރީ ކުރިއަރައިގެންދިޔަ ދިއުން އާޓެޓާ ފާހަގަކުރިއެވެ.
ރޯމާގެ އެކަޑެމީން ކެރިއަރު ފެށި ކަލަފިއޯރީ ފުރަތަމަ ބަދަލުވި ކްލަބަކީ ސްވިޒަލޭންޑްގެ ބާސެލްއެވެ. އެއީ 2022 ވަނަ އަހަރެވެ. ބޮލޯނިއާއަށް މިދިޔަ ސީޒަނުގައި ކަލަފިއޯރީ ދިޔައީ 3.3 މިލިއަން ޕައުންޑްގެ އަގެއްގައެވެ. މިހާރު ކަލަފިއޯރީގެ އަގު، 45 މިލިއަން ޕައުންޑަށްވުރެ މައްޗަށް އަރައެވެ.
މިދިޔަ ސީޒަނުގައި ތިއާގޯ މޮޓާގެ ކޯޗުކަމުގެ ދަށުން ކަލަފިއޯރީ ވަނީ ބޮލޯނިއާއަށް 30 މެޗު ކުޅެފައެވެ. އެ ޓީމުން މިދިޔަ ސީޒަނުގައި އިޓަލީ ލީގުގެ ފަސްވަނައިގައި ނިންމާލައި، މި ސީޒަންގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދިއެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް