ޔޫރޯ 2024 ގައި ސްޕެއިން ޓީމުން ވިދާލި ޑިފެންޑަރު ރޮބިން ލެ ނޯމަންޑް ގެންދަން އެތުލެޓިކޯ މެޑްރިޑުން އެއްބަސްވުމަކަށް އައިސްފިއެވެ.

އުމުރުން 27 އަހަރުގެ ސެންޓަ ބެކް، ނޯމަންޑް ވަނީ މިދިޔަ ހޫނު މޫސުމުގެ ޔޫރޯ މުބާރާތް ސްޕެއިނަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. އެންމެ މެޗެއް ފިޔަވައި ސްޕެއިނުން ކުޅުނު ހުރިހާ މެޗެއްގައި އޭނާ ފުރަތަމަ 11 ގައި ކުޅެފައިވާ އިރު، އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ހާއްސަކޮށް އޭނާ ވެގެން ގޮސްފައިވަނީ ސްޕެއިންގެ އެންމެ ސަޕްރައިޒިން ކުޅުންތެރިޔާއަށެވެ.

ރެއާލް ސޮސިއެދާދަށް ކުޅެމުން ދިޔަ ލެ ނޯމަންޑް، އެތުލެޓިކޯއަށް ސޮއިކުރަން ނިންމާފައިވާކަން އެތުލެޓިކޯ އިން ވަނީ ޔަގީންކޮށްދީފައެވެ. އެތުލެޓިކޯ އިން ބުނެފައިވަނީ ލެ ނޯމަންޑް ޗުއްޓީ ނިންމާލާފައި ޓީމާ ގުޅުމުގެ ކަންކަން ނިންމައި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.

ލެ ނޯމަންޑް ކްލަބާ ވަކިވާން ނިންމާފައިވާ ކަމަށް ރެއާލް ސޮސިއެދާދުންވެސް ވަނީ އިއުލާންކޮށްފައެވެ. ސޮސިއެދާދުން ބުނީ 2021 ވަނަ އަހަރުގެ ކޮޕާ ޑެލް ރޭ ކާމިޔާބު ކުރުމަށް ވަރަށް ބޮޑު އެހީއަކަށްވި ޑިފެންޑަރު ކްލަބާ ދުރަށް ދާން ނިންމާފައިވާ ކަމަށާއި އޭނާ ބަދަލުވަނީ ކްލަބުގެ އެންމެ ބޮޑު ވާދަވެރިޔާ އެތުލެޓިކޯއަށް ކަމަށެވެ.

ލެ ނޯމަންޑް ރެއާލް ސޮސިއެދާދަށް ގޮސްފައިވަނީ 2016 ވަނަ އަހަރުއެވެ. ދެ ސީޒަނެއްގައި ބެންޗުން ފެނުމަށްފަހު، އޭގެފަހުން ފެށިގެން އޭނާ އަންނަނީ ބަރާބަރަށް އެ ކްލަބަށް ކުޅެމުންނެވެ. ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ލެ ނޯމަންޑް ވަނީ 221 މެޗު ރެއާލް ސޮސިއެދާދަށް ކުޅެދީފައެވެ.